ދެކުނު އިންޑިއާގެ ސިނަމާގެ އެންމެ އުހުގައި ފައިތިލަ ސާބިތުކޮށްފައިވާ މަޝްހޫރު ބަތަލާ ނަޔަންތާރާ އާއި އޭނާގެ ފިރިމީހާ އަދި މަޝްހޫރު ޑައިރެކްޓަރު ވިގްނޭޝް ޝިވަން، ދެ ކުދިންނާ އެކު އަނެއްކާ ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
މި ދަތުރުގައި އެ އާއިލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައި ކަމެއް ސީދާ ހާމަކޮށްފައި ނުވި ނަމަވެސް، ރާއްޖޭގެ ހިތްގައިމު މާހައުލުގައި ނަގާފައިވާ އާއިލީ ހިތްގައިމު ފޮޓޯއެއް ނަޔަންތާރާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މިއީ މިދިޔަ ސެޕްޓެމްބަރު މަހު ފިރިމީހާގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ޕަޓީނާ މޯލްޑިވްސްގައި އާއިލާއާ އެކު ޗުއްޓީ ހޭދަކުރުމަށް ފަހު، މި އަހަރުގެ ތެރޭގައި އެ އާއިލާއިން ރާއްޖެއަށް ކުރި މިފަދަ ދެވަނަ ދަތުރެވެ.
ނަޔަންތާރާ މިދިޔަ މަހު ރާއްޖެއަށްކުރި ދަތުރުގައި ޕަޓީނާ މޯލްޑިވްސްގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/އެންޑީޓީވީ
ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި އެންމެ އަގުބޮޑު އަދި އެންމެ ޑިމާންޑު ބޮޑު އެއް ބަތަލާގެ ގޮތުގައި ފާހަގަކުރެވޭ ނަޔަންތާރާގެ ފިލްމީ ހަޔާތަށް ބަލާއިރު، މި އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރި ފިލްމު "ހައި" އަދި "ޓޮކްސިކް"އިން އޭނާ ވަނީ ބެލުންތެރިންނަށް މުހިންމު ރޯލުތަކަކުން ފެނިގެން ގޮސްފައެވެ.
އަދި އޭނާގެ ކުރިއަށް ހުރި ފިލްމީ ޕްރޮޖެކްޓްތަކުގެ ތެރޭގައި ފަސް ފިލްމެއް ހިމެނޭ އިރު، އޭގެ ތެރެއިން އެންމެ ގިނަ ބަޔަކު އެންމެ ފޯރިއާ އެކު އިންތިޒާރުކުރަމުން އަންނަނީ ބޮލީވުޑްގެ ސުޕަސްޓާ ސަލްމާން ޚާންއާ އެކު އޭނާ ފެނިގެންދާ ފިލްމު "މޮންސްޓާ" ރިލީޒްވާނެ ތާރީޚަކަށެވެ.
