މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރީގެ ތުހުމަތުގައި އަންހެނަކު ހިމެނޭހެން އއ. ރަސްދުއިން ނުވަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، އެތަކެތި ބޭނުންކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އއ. ރަސްދޫގައި ހިންގި އޮޕަރޭޝަންގައި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:
- ލިލީމީޑް / އއ. ރަސްދޫ، މުޙައްމަދު ޢުލްވާން ރަޝީދު (21އ)
- ގުލްދަސްތާގެ / އއ. ރަސްދޫ، އަޙްމަދު ޢަރީފު (37އ)
- ހަވާމަންޒިލް / އއ. ރަސްދޫ، އިބްރާހީމް ދިނާން (30އ)
- ފެހިވިނަ / އއ. ރަސްދޫ، އަޙްމަދު އިކުލީލް (37އ)
- ކާނޭޝަންމާގެ / އއ. ރަސްދޫ، އަޙްމަދު މުޙައްމަދު (44އ)
- ކާރނޭޝަންމާގެ / އއ. ރަސްދޫ، ޢަލީ ވަސީމް (42އ)
- ވިދުވަރުގެ / ހދ. ކުމުންދޫ، ލީނާ މޫސާ (23އ)
- ހިކިފިނިފެންމާގެ / އއ. ތޮއްޑޫ، ރިމާޒު މުޙައްމަދު (29އ)
- ބަންގްލަދޭޝް، މެހެދީ ހަސަން (27އ)
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ފުލުހުން ގުޅިގެން މި މަހު 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ އޮޕަރޭޝަންގައި ރަސްދޫއިން 10 ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އެގޮތުން ކޯޓު އަމުރެއްގެ ދަށުން އެ އެންމެން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިބްރާހީމް ދިނާންއާއި، ރިމާޒު މުޙައްމަދުގެ އިތުރުން ޢަލީ ވަސީމް އަދި މެހެދީ ހަސަން 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން މުޙައްމަދު ޢުލްވާން ރަޝީދާއި، އަޙްމަދު ޢަރީފުގެ އިތުރުން އަޙްމަދު މުޙައްމަދު ފަސްދުވަހަށް އަދި އަޙްމަދު އިކުލީލް ހަތްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު ލީނާ މޫސާ ތިން ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
ބަންގުރަލާއި މަސްތުވާތަކެތީގެ މައްސަލައަކީ މިހާރު ރާއްޖޭގައި ވަރަށް އާންމު މައްސަލައެކެވެ. ވަކިން ހާއްސަކޮށް ވެރިކަންކުރާ މާލެ ސަރައްހައްދު މަސްތުވާތަކެތީގެ މައްސަލަ ވަރަށް ބޮޑެވެ.
