ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ނަގާފައިވާ ހެލްތު އިންޝުއަރެންސް ޕެކޭޖުގެ ސަބަބުން ދައުލަތަށް ލިބޭނެ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމަށާއި، ނަމަވެސް ރައްޔިތުންނަށް ދެމުން އަންނަ ހުސްނުވާ އާސަންދައިގެ ސަބަބުން ދައުލަތަށް ލިބެނީ ގެއްލުން ކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން، ޕެޓިޝަން ކޮމިޓީން މަޖިލީހުގެ ތަޅުމަށް ބަހުސްކުރުމަށް ފޮނުވި "އާންމު ރައްޔިތުންނަށް ނުލިބޭ އެކަމަކު މަޖިލިސް މެންބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލައި ހުށަހަޅާ ޕެޓިޝަން" އަށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ، އެ ޕެޓިޝަން ހުށަހެޅި ފަރާތުން އެކަން ކޮށްފައިވަނީ ކަންކަން ބަލައި އޮޅުންފިލުވަން ޖެހޭ މިންވަރަށް ނުބަލައި ކަމަށެވެ.
އެގޮތުން މިފަދަ ކަންކަމުގައި ޕެޓިޝަން ހުށަހަޅާއިރު ވަށައިގެންވާ ކަންކަން ރަނގަޅަށް ސާފުކުރަން ޖެހޭނެ ކަމަށާއި، ޕެޓިޝަން ހުށަހެޅި ފަރާތަށް މަޖިލިސް މެމްބަރުންގެ އިންޝުއަރެންސާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިފައިނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފަލާހު ވިދާޅުވީ މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ޕެކޭޖަށް ދައުލަތުން ކޮންމެ މެމްބަރަކަށް އަހަރަކު ދައްކަނީ 24،000 ރުފިޔާ ކަމަށެވެ. އަދި އޭގެ އިތުރަށް މެމްބަރެއްގެ ބޭސްފަރުވާއަށް ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭއިރު، މެމްބަރުންނަށް އެ ޕެކޭޖުގެ ދަށުން އަހަރަކު 1،350،000 ރުފިޔާއާ ހަމައަށް ފަރުވާ ހޯދުމުގެ ފުރުސަތު ލިބުނު ނަމަވެސް، އެއީ އިންޝުއަރެންސް ކުންފުނިން ހަމަޖައްސައިދޭ ފައިސާ ކަމަށާއި ދައުލަތުން ކުރާ ޚަރަދެއް ނޫން ކަމަށް ވިދާޅުވިއެވެ.
އިންޝުއަރެންސް ނިޒާމު ހިނގާ ގޮތުގެ މިސާލެއް ދައްކަވަމުން ފަލާހު ވިދާޅުވީ، 10 މިލިއަން ޑޮލަރަށް ރިސޯޓެއް އިންޝުއަރެންސް ކުރުމަށް ޓަކައި އަހަރަކު ދެ މިލިއަން ޑޮލަރު ޕްރީމިއަމްގެ ގޮތުގައި ދައްކަން ޖެހިދާނެ ކަމަށާއި، އެ ރިސޯޓަށް ގެއްލުމެއް ލިބިއްޖެ ނަމަ އިންޝުއަރެންސް ކުންފުނިން 10 މިލިއަން ޑޮލަރު ދައްކާނެ ކަމަށެވެ.
އެހެންކަމުން މެމްބަރަކަށް އަހަރަކު 24،000 ރުފިޔާ ދެއްކުމަށްފަހު، މެމްބަރަކު ކިތަންމެ ބޮޑު ޚަރަދެއް ކުރި ނަމަވެސް އެއީ ދައުލަތަށް ވާ ފައިދާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެބަރަކަށް ދައުލަތުން މި އިންސުއަރެންއަށް އަހަރަކު ދައްކަނީ 24،000 ދިވެހި ރުފިޔާ، އޭގެ އިތުރަށް މަޖިލީހުގެ މެބްރަކަށް ދިވެހި ދައުލަތުން ލޯ ލާރިއެއް ވެސް ޚަރަދު ކުރާކަށް ނުޖެހޭ. ނަމަވެސް އަޅުގަނޑަށް ވެސް އަދި އެހެން ރައްޔިތުންނަށް ވެސް އާސަންދައިން ޚަރަދު ކުރަނީ ދައުލަތުގެ ބަޖެޓުން." ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އާސަންދަ ނިޒާމުގެ ތެރެއިން ކޮންމެ ރައްޔިތަކަށް ވެސް ހުރިހާ ޚަރަދެއް ހަމަޖައްސައިދެނީ ސީދާ ދައުލަތުގެ ބަޖެޓުން ކަމަށްވާތީ އެއިން ދައުލަތަށް ގެއްލުންވާ ކަމަށެވެ. އަދި މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ޕެކޭޖުގެ ދަށުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ހުރުމާއި ކެއުމުގެ ޚަރަދުތައް ނުލިބޭ ކަމަށާއި، އެ ޚަރަދުތައް ހަމަޖައްސަން ޖެހެނީ މެމްބަރުންގެ އަމިއްލަ ޖީބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
