ރޮބޮޓިކްސްއާއި ޓެކްނޮލޮޖީ ފަދަ ދާއިރާތަކުން ތަމްރީނު ދިނުމަށް މައިޒާން އަހުމަދު މަނިކުގެ އިންސްޓިޓިއުޓެއް މިއަދު ހުޅުވައިފިއެވެ.
"މައިޒާން އިންސްޓިޓިއުޓް އޮފް އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ" ނަމުގައި ހުޅުވި މި ތަނުގެ ތަމްރީނުތަކުގައި ޒުވާނުންނާއި ކުޑަކުދިންނާއި އެކި އުމުރު ފުރާތަކުގެ މީހުންނަށް ބައިވެރިވެވޭނެއެވެ.
މިއަދު އޮތް ރަސްމިއްޔާތެއްގައި މި ތަން ހުޅުވައިދެއްވީ، އެމްއެންޔޫގެ ޗާންސެލަރު ޑރ. މަހްމޫދު ޝައުގީއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މައިޒާން އަހުމަދު މަނިކު ވިދާޅުވި ގޮތުގައި، މި ތަނުން ރޮބޮޓިކް ކިޓު މެދުވެރިކޮށް ޓެކްނޮލޮޖީގެ އެކި ދާއިރާތަކުން އަމަލީ ތަމްރީނު ދޭނެއެވެ.

އިންޖިނިއިރިންނާއި ހިސާބުގެ އުކުޅުތައް މި ތަމްރީނުތަކުގައި ދަސްކޮށްދޭނެ ކަމަށާއި އުއްމީދަކީ އާ ޓެކްނޮލޮޖީ އުފައްދާނެ ޒުވާން ޖީލެއް ބިނާކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. ވިޔަފާރި ކޮށްގެން ލިބޭ ފައިދާއަށް ވުރެ މި ތަނުން ބޭނުންވަނީ، ދެމެހެއްޓިނިވި ގޮތެއްގައި ޒުވާން ޖީލެއް ބިނާކުރުމަށް ކަމަށް މައިޒާން އަހުމަދު މަނިކު ވަނީ ވިދާޅުވެފައެވެ. އަދި، އުއްމީދަކީ އެމްއެންޔޫއާ ގުޅިގެން ފުޅާ ދާއިރާއެއްގައި ފަންނީ ކުރިއެރުންތައް ގެނެވުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ފާހަގަކުރެވޭ ގޮތުގައި މައިޒާން އަހުމަދު މަނިކަކީ މަސްވެރިކަމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާއަށް 2015 ވަނަ އަހަރު ވަނީ، މަސްވެރިކަމާއި މަސްވެރިކަމުގެ މައުލޫމާތު ފެތުރުމުގެ ދާއިރާއިން ޝަރަފުގެ އިނާމު ލިބިވަޑައިގެންފައެވެ.
މައިޒާން އިލެކްޓްރޯނިކްގެ ނަމުގައި އޭނާގެ ކުންފުންޏެއް ވެސް އަންނަނީ ހިންގަމުންނެވެ. އެ ތަނުން މުވާސަލާތީ އަދި ނޭވިގޭޝަން ސާމާނު ވިއްކާއިރު، މަސްވެރިން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތައް ވެސް ހިންގައެވެ.
