އިސްކަންދަރު ސްކޫލުގެ ތެރެއަށް ވަދެ، އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ ކޮޓަރީގެ މޭޒު ވަތްގަނޑުގައި ހުރި އަގުބޮޑު ދެ ސެންޓުފުޅިއާއި 15،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކު ޖަލަށްލުމަށާއި ގެއްލުމުގެ ބަދަލު ދިނުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމް އައިސްފައި ވަނީ ހދ. މަކުނުދޫ، ލުބޯގަސްދޮށުގެ، ޙުސައިން މަޙީލްގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލި ވައްކަންކުރުމުގެ ކުށުގެ ދައުވާއާއި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއަށް ވެސް ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ އިއުތިރާފުވެފައެވެ. މި މީހާއަކީ ކުރިން ވެސް ވައްކަމާއި މިފަދަ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ.
އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރީ، 16 ޖޫން 2026 ގެ ރޭ 22:00 އާއި 17 ޖޫން 2026 ގެ މެންދުރު 12:17 އާ ދެމެދުގެ ވަގުތެއްގައި އިސްކަންދަރު ސްކޫލު ތެރެއަށް ވަދެ، ޑެޕިއުޓީ ޕްރިންސިޕަލްގެ ކޮޓަރީގައި ހުރި މޭޒުގެ ވަތްގަނޑުން ތަކެއްޗާއި ފައިސާ ވަގަށް ނަގާފައިވާ މައްސަލައިގައެވެ.
އެ މީހާ ވަގަށް ނެގި ތަކެތީގެ ތެރޭގައި އަގުބޮޑު ދެ ސެންޓުފުޅި ހިމެނެއެވެ. އެއީ 2،000 ރުފިޔާގެ އަގުހުރި "ފްލޮރެންޓީނާ" ބްރޭންޑްގެ ސެންޓުފުޅިއަކާއި، 2،000 ރުފިޔާގެ އަގުހުރި "ވާސާޗޭ" ބްރޭންޑްގެ ހުދުކުލައިގެ ސެންޓުފުޅިއެކެވެ. އޭގެ އިތުރުން އިންޓަވަލް ނުގެނެވޭ ދަރިވަރުންނަށް އެހީވުމަށް ބެލެނިވެރިޔަކު ހަދިޔާކުރި 1،000 ރުފިޔާއާއި، ސްކޫލުގެ ނެޓްބޯޅަ ކޯޗަށް ދިނުމަށް ހަވާލުކޮށްފައި އޮތް 5،460 ރުފިޔާ އަދި ޑެޕިއުޓީ ޕްރިންސިޕަލްގެ އަމިއްލަ 9،000 ރުފިޔާ ހިމެނެއެވެ.
މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި މަހީލް ވަނީ ކުށަށް އިއުތިރާފުވެ، ފައިސާތައް ބޭނުންކުރި ކަމަށް އެއްބަސްވެ، އަވަސް ނިޔާއިން މައްސަލަ ނިންމައިދިނުމަށް އެދިފައެވެ.
މި ދެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޟީ ޢަލީ ނަދީމް ކުރެއްވި ހުކުމްތަކުގައި ވަނީ:
ވައްކަމުގެ މައްސަލަ: 5،000 ރުފިޔާއަށް ވުރެ އަގު މަތީ މުދާ ހިމެނޭތީ މިއީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއް ކަމަށް ބަލައި، ކުށުގެ ރެކޯޑާއި އިއުތިރާފަށް ރިއާޔަތްކުރުމަށްފަހު، ނުވަ މަހާއި 18 ދުވަހުގެ ޖަލު އަދަބެއް ވަނީ ކަނޑައަޅާފައެވެ. ތަހުގީގު މަރުހަލާގެ ބަންދުގައި ހޭދަކުރި 16 ދުވަސް އުނިކުރުމުން އޭނާ ތަންފީޒުކުރަން ޖެހެނީ ނުވަ މަހާއި ދެ ދުވަހުގެ ޖަލު ހުކުމެކެވެ.
ހުއްދަނޫން ތަނަކަށް ވަނުމުގެ މައްސަލަ: މި ކުށުގެ އަދަބެއްގެ ގޮތުން 3 މަސް ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
ގެއްލުމުގެ ބަދަލު: ވަގަށް ނެގި ފައިސާގެ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި، ޑެޕިއުޓީ ޕްރިންސިޕަލް ފާޠިމަތު ޝުޛާއަށް 15،460 (ފަނަރަހާސް ހަތަރުސަތޭކަ ފަސްދޮޅަސް) ރުފިޔާ، ހުކުމް ކުރި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް މަހީލްގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
