އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި އޮޑިޓަ ޖެނެރަލްގެ އޮފީހުން 133.5 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެ އޮފީހުން ހުށަހެޅީ ޖުމްލަ 133،590،265 ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރޭގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް 43.5 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
މާލިއްޔަތު ކޮމިޓީގައި ބަޖެޓުގެ ތަފްޞީލް ޙިއްޞާކުރައްވަމުން އޮޑިޓަރު ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވީ، މި އަހަރަށް އެ އޮފީހަށް ކަނޑައެޅި 134.2 މިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން މިހާތަނަށް ޚަރަދުވެފައިވަނީ 56.9 މިލިއަން ރުފިޔާ ކަމަށެވެ.
މީގެއިތުރުން އަހަރު ނިމުމުގެ ކުރިން އިތުރު 45 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، އަހަރު ނިމޭއިރު ބޭނުންނުކުރެވި 31 މިލިއަން ރުފިޔާ ހުންނާނެ ކަމަށްވެސް އޮޑިޓަ ޖެނެރަލް ވިދާޅުވިއެވެ. އަންނަ އަހަރުގެ ބަޖެޓުގެ ކަންކަން ރާވާފައިވަނީ މި ފައިސާ ވެސް ހިމަނައިގެންނެވެ.
އަންނަ އަހަރުގެ ތެރޭގައި އެ އޮފީހުން ޖުމްލަ 394 އޮޑިޓެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ނިޔާޒީ ފާހަގަކުރެއްވިއެވެ.
އޭގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރު ކުންފުނިތަކާއި، މާލީ އިދާރާތަކާ ގުޅުންހުރި ގިނަ އޮޑިޓްތަކުގެ އިތުރުން މި އަހަރު ނުނިމި ހުރި ބައެއް އޮޑިޓްތައް ވެސް ހިމެނެއެވެ.
އޮޑިޓް އޮފީހުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އޮޑިޓަ ޖެނެރަލް ވިދާޅުވީ، މި އަހަރުގެ މިހާތަނަށް 183 ރިޕޯޓެއް ޝާއިޢުކޮށްފައިވާ ކަމަށެވެ. އަދި މިހާރުވެސް 259 އޮޑިޓެއްގެ މަސައްކަތް ހިނގަމުންދާ ކަމަށާއި، އޭގެ ތެރެއިން ބޮޑު ބައެއް މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.
އަންނަ އަހަރު އެ އޮފީހުން ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ އޮޑިޓްތަކުގެ ތެރޭގައި ހިމެނެނީ:
- ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން 61 ތަނެއްގެ ފައިނޭންޝަލް އަދި ކޮމްޕްލަޔަންސް އޮޑިޓް
- ލޯކަލް ކައުންސިލްތަކުގެ 106 އޮޑިޓް
- ޕަބްލިކް ފަންޑާއި ސްކީމްތަކުގެ ހަ އޮޑިޓް
- ބޭރުގެ އެހީގައި ހިންގާ މަޝްރޫޢުތަކުގެ 22 އޮޑިޓް
- ދައުލަތުގެ ކުންފުނިތަކުގެ ފައިނޭންޝަލް އޮޑިޓްގެ ގޮތުގައި 40 އޮޑިޓް
- މާލީ އިދާރާތަކުގެ ހަތަރު އޮޑިޓް
- ބަޖެޓާއި ފިސްކަލް ޓްރާންސްޕޭރެންސީ ޤާނޫނުގެ ދަށުން ކުރަންޖެހޭ ފަސް އޮޑިޓް
- ދައުލަތުގެ ދަރަންޏާއި ގެރެންޓީއާ ގުޅޭ ތިން އޮޑިޓް
- ޕާފޯމަންސް އޮޑިޓްގެ ގޮތުގައި ހަ އޮޑިޓް
- ޚާއްޞަ (ސްޕެޝަލް) އަށް އޮޑިޓް
- އިންފޮމޭޝަން ސިސްޓަމްތަކާ ގުޅޭ ހަތް އޮޑިޓް
- ތިމާވެއްޓާ ގުޅުންހުރި ހަ އޮޑިޓް
- މި އަހަރު ނުނިމި ހުރި 120 އޮޑިޓް
އޮޑިޓް އޮފީހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި އޮޑިޓް ގާނޫނުގެ ދަށުން އުފައްދާފައިވާ މިނިވަން، މުސްތަގިއްލު މުއައްސަސާއެކެވެ. މި މުއައްސަސާގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވަނީ އޮޑިޓާ ޖެނެރަލެވެ.
އޮޑިޓް އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދައުލަތުގެ އޮފީސްތަކާއި، ކައުންސިލްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ އެންމެހައި އިދާރާތަކުގެ މާލީ ހިސާބުތައް އޮޑިޓްކޮށް ރިޕޯޓު އެކުލަވައިލުމާއި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރެވެނީ ޚަރަދުކުޑަ، އެންމެ ފައިދާހުރި އަދި ނަތީޖާ ނެރެވޭ ފަދަ ގޮތެއްގައިތޯ ބަލައި ވަޒަންކުރުން ހިމެނެއެވެ.
މީގެ އިތުރުން ދައުލަތުގެ ފައިސާ އާއި މުދާ ބެލެހެއްޓުމާއި ޚަރަދުކުރުމުގެ ކަންކަން ހިނގަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްތޯ ކަށަވަރުކުރުމަކީ ވެސް އެ އޮފީހުގެ މުހިންމު މަސްޢޫލިއްޔަތެކެވެ.
