ދިވެހިރާއްޖެއިން ބުރުނާއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ހައި ކޮމިޝަނަރު ޑރ. މަރްޔަމް ޝަބީނާ އަހްމަދު، ސަފީރުކަމުގެ ފަތްކޮޅު ބުރުނާއީގެ ސުލްޠާން ހާޖީ ހަސަނުލް ބުލްކިއާއަށް މިއަދު އަރުވައިފިއެވެ.
އެ ރަސްމިއްޔާތު އޮތީ ބުރުނާއީގެ ވެރިރަށް ބަންދަރު ސެރީ ބެގަވާންގައި ހުންނަ ރިޔާސީ ގަނޑުވަރު ކަމަށްވާ އިސްތާނާ ނޫރުލް އީމާންގައެވެ.
ފޮރިން މިނިސްޓްރީން ބުނީ، ފަތްކޮޅު އެރުވުމަށްފަހު ރަސްގެފާނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ބުރުނާއީގެ ރަސްގެފާނަށާއި އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތައް ޑރ. ޝަބީނާ ރައްދުކުރެއްވި ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ބުރުނާއީގެ ރަސްގެފާނު ވަނީ ޑރ. ޝަބީނާއަށް މަރުހަބާ ވިދާޅުވެ، އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ބުރުނާއީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، ބުރުނާއީން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަމަށް ޓަކައި އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ޑރ. ޝަބީނާ ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މި ރަސްމިއްޔާތުގައި ޑރ. ޝަބީނާގެ އަރިހުގައި، މެލޭޝިއާގެ ދިވެހި ހައިކޮމިޝަނުގެ ސެކަންޑް ސެކްރެޓަރީ ފާޠިމަތު ޝަބާ ބައިވެރިވެވަޑައިގަތެވެ.
ޑރ. ޝަބީނާއަކީ ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުގެ އިތުރުން، ފިލިޕީންސަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު ވެސް މެއެވެ.
