މާލޭގައި ވަގަށް ނަގާފައިވާ ސައިކަލެއްގެ ނަމްބަރު ބޯޑު ބަދަލުކޮށްގެން ވަންވޭއާ ޚިލާފަށް ދުއްވުމުގެ ތުހުމަތުގައި ދެ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެއް ކަމަށާއި އެ ދެ މީހުންނަކީ ވެސް ސްރީލަންކާއަށް ނިސްބަތްވާ މީހުން ކަމަަށެވެ.
އެ މުއައްސަސާއިން ބުނި ގޮތުގައި، ރޭ ދަންވަރު 02:14 އެހައިކަންހާއިރު ލޮނުޒިޔާރަތް މަގުން ރުއްކެނޑިޔާ ހިނގުމަށް، ވަންވޭއާ ޚިލާފަށް ދުއްވާފައި ދިޔަ ސައިކަލެއް މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ވަނީ ފެނިފައެވެ.
ފުލުހުން ބުނީ އެ ސައިކަލު ހުއްޓުވައި ބެލިއިރު، ސައިކަލު ދުއްވަންއިން މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތުމުން އެ ސައިކަލު ޓޯ ޔާޑަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ޓޯ ޔާޑުން ސައިކަލު އިތުރަށް ބަލައި ފާސްކުރިއިރު، ސައިކަލުގައި ހަރުކޮށްފައިވާ ނަންބަރު ބޯޑާއި ސައިކަލުގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ދިމާނުވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ސައިކަލުގެ އަސްލު ނަންބަރުތައް ސިސްޓަމް މެދުވެރިކޮށް ޗެކްކުރުމުން އެއީ ވަގަށް ނަގާފައިވާ ސައިކަލެއްކަން ކަށަވަރުވެފައިވާ ކަމަށާއި، އެ މައްސަލައާ ގުޅިގެން ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މީގެ އިތުރުންވެސް ފުލުހުން ރޭ ވަނީ، މާލޭގައި ސައިކަލެއްގެ ނަމްބަރު ބޯޑު ބަދަލުކޮށްގެން ވަގަށް ނަގަން އުޅުނު މައްސަލައެއްގައި ތިން ދިވެހީން ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި އެ ސައިކަލު ޓޯކޮށް، ސައިކަލު ވަގަށް ނެގުމަށް ބޭނުންކުރި ކަމަށް ބެލެވޭ ތަޅުދަނޑިއާއި ފެނުނު އަސްލު ނަންބަރު ބޯޑު ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ބިދޭސީންގެ ބޮޑު އާބާދީއެއް އޮންނައިރު، ކުށްކުރާ ބިދޭސީންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މީގެ ކުރިން ސަރުކާރުން ދީފައިވެއެވެ.
