މިދިޔަ ސެޕްޓެންބަރު މަސް ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 547 މިލިއަން ޑޮލަރު ކަމަށް މަރުކަޒީ ބެންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެއީ އޮގަސްޓު މަހާ އަޅައިބަލާއިރު 14.9 ޕަސެންޓު ދަށް އަދަދެކެވެ. އޮގަސްޓު މަހު ރަސްމީ ރިޒާވްގައި ހުރީ 643.9 މިލިއަން ޑޮލަރެވެ. އަދި ބޭނުންކުރެވޭ ރިޒާވް ވަނީ 200.6 މިލިއަން ޑޮލަރުން 169.8 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައެވެ. އެއީ 15.4 އިންސައްތައިގެ ދަށްވުމެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ، ސެޕްޓެންބަރު މަހުގައި އެމްއެމްއޭއަށް ބޭރު ފައިސާ ލިބުނު ޖުމްލަ އަދަދަަށްވުރެ އެމްއެމްއޭއިން ބޭރު ފައިސާ ވިއްކި ޖުމްލަ އަދަދު އިތުރުވުމެވެ. އެގޮތުން ފާއިތުވީ އޯގަސްޓު މަހާ އަޅައިބަލާއިރު، އެމްއެމްއޭއިން ބޭރު ފައިސާ ވިއްކި މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.
ބޭރު ފައިސާ ވިއްކި މިންވަރު އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، 2019 ވަނަ އަހަރު، ސަރުކާރުން ބަޖެޓް ސަޕޯޓުގެ ބޭނުމަށް އެސްބީއައި ބޭންކު މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން އެމެރިކާ ޑޮލަރުގެ ޓީ-ބިލުގެ ތެރެއިން ބާކީ ދަައްކަންޖެހޭ 50 މިލިއަން އެމެރިކާ ޑޮލަރު ސެޕްޓެންބަރު މަސް ތެރޭގައި ދައްކައި ޚަލާސްކުރުމަށް، އެމްއެމްއޭއިން ސަރުކާރަށް ޑޮލަރު ވިއްކުން ހިމެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފާއިތުވި މަސްތަކެކޭ އެއްގޮތަށް ސެޕްޓެންބަރު މަހުގައި ވެސް، ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުންނާއި ބޭރު ފައިސާގެ ބާޒާރަށް އިތުރު ލުޔެއް ހޯދައި ދިނުމަށް، ބޭންކުތަކަށް އެމްއެމްއޭއިން ވަނީ ޑޮލަރު ވިއްކާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓު އެކަކުން ފެށިގެން، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުންނަށް ވިއްކާ ޑޮލަރުގެ އަދަދު ވަނީ އިތުރުކޮށްފައެވެ.
ދިވެހީން ރާއްޖެއިން ބޭރަށް، ބޭސްފަރުވާއަށް ދަތުރުކުރުމުގައި ދިމާވާ ޑޮލަރުގެ ދަތިކަން ކުޑަކުރުމުގެ ގޮތުން، އެމްއެމްއޭއިން ބީއެމްއެލް މެދުވެރިކޮށް ބޭރު ފައިސާ ދޫކުރަމުން އަންނަތާ މިހާރު އަހަރެއްހާ ދުވަސް މި ވަނީ ވެފައެވެ.
