ޓިކްޓޮކްގެ މައި ކުންފުނި ކަމަށްވާ ޗައިނާގެ ބައިޓްޑާންސްއިން، އެ ކުންފުނީގެ ޑޭޓާ ސެންޓަރުތަކުގައި ބޭނުންކުރުމަށްޓަކައި ޚާއްޞަ (ކަސްޓަމް) އޭއައި ޗިޕްތަކެއް ގަތުމަށް ޓައިވާނުގެ މީޑިއާޓެކް އާއެކު މަޝްވަރާތަކެއް ކުރަމުންދާ ކަން ހާމަވެއްޖެއެވެ.
މި އެއްބަސްވުމުގެ ދަށުން މީޑިއާޓެކުން ބައިޓްޑާންސްއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ "އެޕްލިކޭޝަން-ސްޕެސިފިކް އިންޓެގްރޭޓެޑް ސާކިޓްސް" ޗިޕްތަކެކެވެ. މިއީ ވަކި ކަސްޓަމަރެއްގެ ކޮމްޕިއުޓިން މާހައުލަށް ޚާއްޞަކޮށްގެން ފަރުމާކުރެވޭ ޗިޕްތަކެކެވެ. މިއާއެކު ބައިޓްޑާންސް ވެގެންދާނީ މީޑިއާޓެކްގެ އެސްއައިސީ ޗިޕްތައް ގަންނާނެ ދެވަނަ އެންމެ ބޮޑު ކަސްޓަމަރަށެވެ.
މި ވިޔަފާރި މުއާމަލާތަކީ މޮބައިލް ޗިޕްތަކުގެ އިތުރުން އެހެން ދާއިރާތަކަށް މީޑިއާޓެކްގެ ވިޔަފާރި ފުޅާކޮށް، ކުއާލްކޮމް އާ ވާދަކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބޭ ބޮޑު ކުރިއެރުމެކެވެ.
ބްލޫމްބާގްގެ ރިޕޯޓެއްގައިވާ ގޮތުން، މި އަހަރު މީޑިއާޓެކްގެ އޭއައި ޗިޕް ވިއްކައިގެން ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކުރެވޭއިރު، ކުރިއަށް އޮތް އަހަރު 80 ބިލިއަން ޑޮލަރުގެ އޭއައި މާކެޓުގެ 15 އިންސައްތަ ހިއްސާ ހޯދުމަށް އެ ކުންފުނިން އަމާޒުހިފާފައިވެއެވެ.
ޗައިނާގެ ކުންފުނިތަކުން އޭއައި ޗިޕް ހޯދުމަށް އެހެން މަގުތައް ހޯދަމުން މިދަނީ، އެމެރިކާގެ އެކްސްޕޯޓް ކޮންޓްރޯލްތަކުގެ ސަބަބުން އެންވިޑިއާގެ އެންމެ ފުރިހަމަ އޭއައި ޗިޕްތައް ޗައިނާއަށް ލިބުން މަނާވެފައިވުމާއި، ވާވޭ ފަދަ ޗައިނާގެ ދާޚިލީ ސަޕްލަޔަރުންނަށް މާކެޓުގެ މުޅި އެދުމާ އެއްވަރަށް ޗިޕް ފޯރުކޮށްނުދެވޭތީއެވެ.
"ޓެކް އިން އޭޝިއާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާގެ އެކްސްޕޯޓް ގަވާއިދުތައް ފަންނީ މިންގަނޑުތަކާއި ބޭނުންކުރާ ގޮތަށް ބަލައި ފުޅާދާއިރާއެއްގައި ހިންގާތީ، ކަސްޓަމް އޭއައި އެކްސެލެރޭޓަރުތައް ވެސް އިސްތިސްނާއެއް ނުވެއެވެ.
މީގެއިތުރުން، ބައިޓްޑާންސްއިން ވަނީ ކަސްޓަމް ސިލިކަން ޑިޒައިން ޚިދުމަތްތަކާ މެދު ކުއާލްކޮމްއާއެކު ވެސް ވަކިން މަޝްވަރާތައް ބާއްވައި، މިއަހަރުގެ ކުރީކޮޅު އޭއައި ޗިޕް ސަޕްލައިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ބްލޫމްބާގުން ރިޕޯޓުކުރާ ގޮތުގައި ބައިޓްޑާންސްގެ ކެޕިޓަލް އެކްސްޕެންޑިޗާ މިއަހަރު 70 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެއެވެ. މިއީ ވޭތުވެދިޔަ އަހަރު އެ ކުންފުނިން ކުރި ޚަރަދަށްވުރެ ދެގުނައަށްވުރެ ބޮޑު އަދަދެކެވެ. އަދި އިޤްތިޞާދީ އަދި ވިޔަފާރީގެ ޙާލަތު ތަންދީފިނަމަ 2027 ވަނަ އަހަރު މިއަދަދު 100 ބިލިއަން ޑޮލަރަށް އުފުލުން އެކަށީގެންވެއެވެ. މި ބޮޑު ޚަރަދަށް ފަންޑުކުރުމަށްޓަކައި ބައިޓްޑާންސްއިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު 30 ބިލިއަން ޑޮލަރުގެ ލޯނެއްވެސް ނަގާފައެވެ.
އޭއައި އިންޑަސްޓްރީގައި މާލީ ގުޅުންތައް ބަދަހިކުރުމުގެ ގޮތުން، އެންވިޑިއާއިން މީޑިއާޓެކްގައި 3.5 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށް މިދިޔަ މަހު ވަނީ އިޢުލާންކޮށްފައެވެ. މިއީ މީޑިއާޓެކުން ބޭރުގެ މާކެޓްތަކުގައި ހުޅުވާލި 3.9 ބިލިއަން ޑޮލަރުގެ ރެކޯޑް ކޮންވާޓިބަލް ބޮންޑު އޮފަރިންގެ ބައެކެވެ.
މި އެއްބަސްވުމުގެ ދަށުން، އެންވިޑިއާގެ "އެންވީލިންކް ފިއުޝަން" ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންނަށް އެމީހުންގެ އަމިއްލަ އޭއައި ޗިޕްތައް ފަރުމާކޮށް، އެންވިޑިއާގެ ބޮޑެތި ޑޭޓާ ސެންޓަރު ސިސްޓަމްތަކާ ސީދާ ގުޅުވާލެވޭނެއެވެ. މި ޓެކްނޮލޮޖީގެ ސަބަބުން ޗިޕް އުފައްދާ ކުންފުނިތަކަށް ތައްޔާރީ ކަނެކްޓަރުތަކާއި ޚާއްޞަ މެމޮރީ ލިބިގެންދާތީ، އަމިއްލައަށް ކަނެކްޝަންތައް ހަދަންޖެހޭ ވަގުތާއި އިންޖިނިއަރިން ޚަރަދުތައް ސަލާމަތްވެގެންދާނެއެވެ.
ބައިޓްޑާންސްއިން ޓެކްނޮލޮޖީގެ ދާއިރާއަށް ކުރާ އިންވެސްޓްމަންޓްތައް ފުޅާކުރަމުންދާއިރު، އެ ކުންފުނީގެ ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ޤާނޫނީ މައްސަލަތަކެއްވެސް އެމެރިކާގައި ދަނީ ހިނގަމުންނެވެ. އެގޮތުން އަލަބާމާގައި ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭގޮތުން އުފުލި ދައުވާއެއް 100 މިލިއަން ޑޮލަރު ދައްކައިގެން ސެޕްޓެމްބަރު 27 ގައި ހައްލުކޮށްފައިވާއިރު، ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާ ގުޅިގެން އިތުރު ސްޓޭޓަކުން ކުރާ ދައުވާއެއްގެ ފުރަތަމަ ޝަރީއަތާވެސް ޓިކްޓޮކުން ކުރިމަތިލާންޖެހެއެވެ.
