ނިއު ދިއްލީގެ މެދުތެރޭގައިވާ ހަ މެޓްރޯ ސްޓޭޝަނެއް މިއަދު ބަންދުކޮށް، 20 އަށް ވުރެ ގިނަ މަގުތަކުގެ ޓްރެފިކަށް ފުލުހުން ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
ސަލާމަތީ ސަބަބުތަކަށްޓަކައި ބަންދުކުރި ސްޓޭޝަންތަކުގެ ތެރޭގައި ރާޖީވް ޗޯކް، ސެންޓްރަލް ސެކްރެޓޭރިއަޓް، ޕަޓޭލް ޗޯކް، ޖަންޕަތު، މަންޑީ ހައުސް އަދި ބަރަކަމްބާ ރޯޑް ހިމެނެއެވެ. ފުލުހުން މި ފިޔަވަޅުތައް އަޅާފައިވަނީ، އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރު ގެނޭޝް ކުމާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހިނގާލުމެއް ބާއްވަން ރާވާފައި ވަނިކޮށެވެ.
އިދިކޮޅު ކޮންގްރެސް ޕާޓީން ވަނީ، ވޯޓު އޮޅުވާލުން ހުއްޓުވުމަށާއި ކުމާރުގެ އިސްތިއުފާއަށް ގޮވާލައި ސުޕްރީމް ކޯޓުގެ ޗީފް ޖަސްޓިސް ސޫރްޔާ ކާންތަށް ޕެޓިޝަނެއް ހުށަހެޅުމަށް ހިނގާލުމެއް ބާއްވާނެކަން އިއުލާންކޮށްފައެވެ. ކޮންގްރެސްގެ ލީޑަރު ރާހުލް ގާނދީ ވިދާޅުވި ގޮތުގައި، ޑިމޮކްރަސީއާއި ގާނޫނުއަސާސީ ގަބޫލުކުރާ ހުރިހާ ޒުވާނުންނާއި މަދަނީ ޖަމިއްޔާތަކުން މި ހިނގާލުމުގައި ބައިވެރިވާނެއެވެ. ނަމަވެސް، ޗީފް ޖަސްޓިސް ސޫރްޔާ ކާންތު ވަނީ އީމެއިލް މެދުވެރިކޮށް މި ބައްދަލުވުމަށް ދެކޮޅުހައްދަވާފައެވެ.
އިންޑިއާގައި މިހާރު ކުރިއަށް ދާ މުޒާހަރާތަކާ ގުޅިގެން ސަލާމަތީ ކަންކަން ބަލަހައްޓަނީ-- ފޮޓޯ: ރޮއިޓާސް
ކޮންގްރެސްގެ މަސްދަރަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޗީފް ޖަސްޓިސް އެދިވަޑައިގަތީ މި މައްސަލައަކީ މިހާރުވެސް ކޯޓުގައި ހިނގަމުންދާ މައްސަލައަކަށް ވާތީ، ގާނޫނީ އުސޫލުތަކުގެ ތެރެއިން ކޯޓަށް ހުށަހެޅުމަށެވެ. މީގެ އިތުރުން، ޒުވާނުންގެ ހަރަކާތެއް ކަމަށްވާ "ކޮކްރޯޗް ޖަނަތާ ޕާޓީ" (ސީޖޭޕީ) އިން ވަނީ ސުލްހަވެރި މުޒާހަރާއެއް ކުރުމަށް ތާރީހެއް ހޯދުމަށް ދިއްލީ ފުލުހުންނާ ބައްދަލުކުރާނެ ކަމަށް ބުނެފައެވެ. އަދި 24 ގަޑިއިރުގެ ތެރޭގައި ތާރީހެއް ނުދީފިނަމަ، އާ މުޒާހަރާއަކަށް ގޮވާލާނެ ކަމުގެ އިންޒާރު އެ ޖަމާއަތުން ވަނީ ދީފައެވެ.
ފުލުހުން ވަނީ ހަފުތާބަންދުގައި 2،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ސީޖޭޕީގެ އިސް ލީޑަރުން ކަމަށްވާ އަބިޖީތު ޑިޕްކޭއާއި ސޯރަވް ދާސް ހިމެނެއެވެ.
މި މުޒާހަރާތައް ފެށިފައިވަނީ، އިންޑިއާގެ ވޯޓުލާ މީހުންގެ ލިސްޓުން 130 މިލިއަން މީހުންގެ ނަން އުނިކުރުމާ ގުޅިގެންނެވެ. މިއީ ޖަޕާނުގެ މުޅި އާބާދީއަށް ވުރެ ވެސް ބޮޑު އަދަދެކެވެ. އިލެކްޝަން ކޮމިޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އުނިކުރި ނަންތަކުގެ ތެރޭގައި މަރުވެފައިވާ 28 މިލިއަން މީހުންނާއި، އެހެން ތަންތަނަށް ބަދަލުވެފައިވާ 63 މިލިއަން މީހުންގެ އިތުރުން، އުޅޭ ތަނެއް ނޭނގޭ 30 މިލިއަން މީހުން ހިމެނެއެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، މިކަމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ތާއީދުނުކުރާ މުސްލިމުންނާއި އެހެނިހެން މައިނޯރިޓީތަކަށެވެ. މި މައްސަލަ އިތުރަށް ހޫނުވެފައިވަނީ، ވޯޓުލާ މީހުންގެ ލިސްޓު މުރާޖައާކުރުމުގެ ކަންކަމާ ގުޅޭގޮތުން ކުމާރުގެ ދެ ނައިބުން 10 މަސްދުވަހުގެ ތެރޭގައި 14 ފަހަރެއްގެ މަތިން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް "އިންޑިއަން އެކްސްޕްރެސް" ނޫހުން މިދިޔަ މަހު ރިޕޯޓުކުރުމާ ގުޅިގެންނެވެ.
އިންޑިއާގައި މިހާރު ކުރިއަށް ދާ މުޒާހަރާތަކާ ގުޅިގެން ސަލާމަތީ ކަންކަން ބަލަހައްޓަނީ-- ފޮޓޯ: ރޮއިޓާސް
އިދިކޮޅު ފަރާތްތަކުގެ މި ތުހުމަތުތައް އިލެކްޝަން ކޮމިޝަނާއި ބީޖޭޕީން ވަނީ ދޮގުކޮށްފައެވެ. އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ އެއްވެސް ޕާޓީއަކަށް ޖާގަ ނުދޭ ކަމަށާއި، ގޯސްކޮށް ނަން އުނިކުރެވިފައިވާ ފަރާތްތަކަށް އަލުން ރަޖިސްޓްރީވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ބީޖޭޕީން ބުނާ ގޮތުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަނީ ގާނޫނީ އިމުގެ ތެރެއިން ހިނގާ އިންތިހާބީ ނިޒާމާމެދު ސުވާލު އުފައްދައި، ގައުމުގެ ޑިމޮކްރަސީ ބަލިކަށިކުރުމަށެވެ.
ވަޒީފާގެ މައްސަލަތަކާއި ސަރުކާރު ސްކޫލްތަކުގެ ހާލަތާ ގުޅިގެން ފަހަކަށް އައިސް މުޒާހަރާތައް އިންތިޒާމުކުރަމުންދާ ކޮކްރޯޗް ޒުވާނުންގެ ހަރަކާތަކީ، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ 12 އަހަރުވީ ވެރިކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ސިޔާސީ ގޮންޖެހުން ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލައިގައި ދިއްލީ ފުލުހުންނާ ބައްދަލުކުރުމަށްފަހު، މުޒާހަރާކުރާ ފަރާތްތަކުން ދެން އަޅާނެ ފިޔަވަޅެއް އިއުލާންކުރާނެ ކަމަށް ވަނީ ބުނެފައެވެ.
