ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް ޓޯނަމަންޓް" ގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ދެކުނު ކޮރެއާއާ ވާދަކުރަަން ޖެހިއްޖެއެވެ.
މި މުބާރާތް ޗައިނާގެ އިންޗުއަންގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 4 އިން 9 ގެ ނިޔަލަށެވެ. ރާއްޖޭގެ ފުރަތަމަ މެޗު ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުގައެވެ.
ޗައިނާއާއި ދެކުނު ކޮރެއާގެ އިތުރުން ހޮންގް ކޮންގް ބައިވެރިވާ މި މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ނޮވެމްބަރު 7 ވަނަ ދުވަހު ނުކުންނާނީ ހޮންގް ކޮންގާ ދެކޮޅަށެވެ. އަދި މުބާރާތުގެ ފަހު މެޗުގައި ނޮވެމްބަރު 9 ވަނަ ދުވަހު ރާއްޖެ ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޗައިނާއާއެވެ.
މުބާރާތުގެ ޝެޑިއުލް--
މި މުބާރާތަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފެންވަރު ވަޒަންކޮށްލުމަށާއި، އޭޝިއާގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެ ބޮޑު ތަޖުރިބާއެއް ހޯދުމަށް ދިވެހި ޓީމަށް ލިބޭ މުހިންމު ފުރުސަތެކެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓްސަލް ޓީމުން މިހާރު އަންނަނީ ފަރިތަކުރުންތަކެއް ކުރިއަށް ގެންދަމުންނެވެ.
މި އަހަރުގެ ކުރީކޮޅު ބޭއްވި ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ރާއްޖެއިން ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ބައިނަލްއަގުވާމީ ފުރަތަމަ ތަށި ކާމިޔާބުކޮށްފައެވެ.
ސަރަޙައްދީ ފެންވަރުގައި ދިވެހި ފުޓްސަލް ހޯދަމުންދާ ކުރިއެރުން ފާހަގަކޮށް، މި ފަހުން ބޭއްވި އެފްއޭއެމް އެވޯޑްސް ހަފުލާގައި ވަނީ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާވެސް ހޮވާފައެވެ.
ޤައުމީ ޓީމު ފަރިތަކުރުންތައް ނިންމާލުމަށްފަހު ޗައިނާއަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ކުރީކޮޅުގައެވެ
