ތެލުގެ އަގު މައްޗަށް ދިއުމާއި ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ރިޒާވް ވަރުގަދަކޮށް އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް ވޯލްޑް ބޭންކާއި ބައިނަލްއަގުވާމީ އެހީދޭ ފަރާތްތަކުގެ އެހީތެރިކަމަށް ރާއްޖެއިން އެދިއްޖެއެވެ.
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރޮއިޓާސްއަށް ދެއްވި އޮންލައިން އިންޓަވިއުއެއްގައި ވިދާޅުވީ، ރާއްޖެއަކީ ބޭނުންކުރާ އެންމެހައި ތެޔޮ ބޭރުން އެތެރެކުރާ ގައުމަކަށްވެފައި، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ސަރުކާރުން އެނާޖީ ސަބްސިޑީއަށް ކުރާ ޚަރަދު މިއަހަރު ތިންގުނައަށް އިތުރުކުރަން ޖެހިފައިވާ ކަމަށެވެ. މީގެ ސަބަބުން ދައުލަތުގެ ބަޖެޓު ޑެފިސިޓް ކުރިން އަންދާޒާކުރި 7.1 އިންސައްތައިން ނުވަ އިންސައްތައަށް މައްޗަށް ދާނެ ކަމަށް ބެލެވޭ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ޒަރީރު ވިދާޅުވީ، ސަރުކާރުން ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ފިސްކަލް އިސްލާހީ ފިޔަވަޅުތައް އަޅައި ޑެފިސިޓް ކުޑަކުރުމަށް ސާބިތުކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އިގުތިސާދު އިތުރަށް ވަރުގަދަކުރުމަށްޓަކައި ބޭރުގެ އެހީތެރިކަން އަދިވެސް ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.
ތެލުގެ އަގު މައްޗަށް ދިއުމާއި ފަތުރުވެރިން އަންނަ މިންވަރު ދަށްވުމުގެ ސަބަބުން އިގުތިސާދަށް ބޮޑު ލޮޅުމެއް އައިސްފައިވާއިރު، 2026 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ހުންނާނެ ކަމަށް ބެލެވެނީ އެންމެ އެއް އިންސައްތައިގައި ކަމަށް މިނިސްޓަރު ޒަރީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ދަތުރުފަތުރަށް އަންނަ ބުރޫތަކަށް ހައްލެއް ހޯދައި، އަންނަ އަހަރު ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމަށްޓަކައި ގައުމީ އެއާލައިނަށް އިތުރު ބޯޓުފަހަރު ލީސްކުރުމަށާއި، ރާއްޖޭގެ އަށްވަނައަށް އެންމެ ބޮޑު މާކެޓު ކަމަށްވާ އޮސްޓްރޭލިއާއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ރޭވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ބޭރުގެ އިތުރު ހަތް އެއާލައިނަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް ފިނޭންސް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.
ޒަރީރު އެފަދައިން ވިދާޅުވިއިރު މިފަހުން ދައުލަތުގެ ބޮޑެތި ދަރަނިތައް އަދާކުރުމަށާއި މާލީ ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ އެކު، ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިން އެޖެންސީ "މޫޑީޒް" އިން ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން މަތިކޮށްފައެވެ. އެގޮތުން ރާއްޖޭގެ ރޭޓިން މަތިކޮށްފައިވަނީ ސީއޭއޭ2 އިން ސީއޭއޭ1 އަށެވެ.
މިކަމާ ގުޅޭގޮތުން ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ، މޫޑީޒްއިން ބުނީ 'ސީއޭއޭ1' އަށް މަތިކުރީ، ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ބޮޑެތި ދަރަނިތައް ދައްކައި، ކުރިއަށް އޮތް ތަނުގައި ދަރަނި ނުދެއްކިދާނެ ކަމުގެ ނުރައްކާ ބޮޑުތަނުން ކުޑަކުރެވިފައިވާތީ ކަމަށެވެ.
ނަމަވެސް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން އޭޝިއާގެ އިގުތިސާދުތަކަށް އަންނާނެ ބަދަލުތައް ލަފާކޮށް ނެރޭ އޭޝިއަން ޑިވެލޮޕްމެންޓް އައުޓްލުކްގެ މިދިޔަ މަހުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ފަތުރުވެރިކަމާއި އިމާރާތް ކުރުމުގެ ދާއިރާއަށް ލިބޭ ކުރިއެރުމުން ރާއްޖޭގެ އިގުތިސާދަށް ހެޔޮ އަސަރުތައް ކުރި ނަމަވެސް، ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކާއި ދަރަނި ބޮޑުވުމާއި މަސްވެރި އުފެއްދުންތައް ބޭރުކުރާ މިންވަރު ދަށްވުމުގެ ނުރައްކާ ރާއްޖެއަށް އޮންނާނެއެވެ. އަދި މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މި އަހަރުގެ ފަހުކޮޅާއި އަންނަ އަހަރުގެ ކުރީކޮޅު، ޕީކް ސީޒަންގައި ފަތުރުވެރިކަމަށް އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް އޭޑީބީން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ގެއްލުމުގައި ހިންގާ ސަރުކާރު ކުންފުނިތަކާއި ސަބްސިޑީ ސްކީމްތައް އިސްލާހުކުރުން ލަސްވުމުން ދައުލަތަށް ބުރަ ބޮޑުވާކަމުގެ ކަންބޮޑުވުން އޭޑީބީން ފާޅުކުރިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދައުލަތުގެ ޚަރަދު ކުޑަކުރުމަށް މިދިޔަ އަހަރުގެ ބަޖެޓުގައި ހިމެނި ފިޔަވަޅުތަކުގެ ތެރޭގައި، ކަރަންޓާއި ކާބޯތަކެތި އަގުހެޔޮ ކުރުމަށް އެންމެނަށް ދޭ ސަބްސިޑީ، އެހީ ބޭނުންވާ މީހުންނަށް ދިނުން ހިމަނައިފައެވެ. އެހެންނަމަވެސް، މިދިޔަ އަހަރުގެ ވަކި ހިސާބަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އިސްލާހުތައް ތަންފީޒު ނުކުރުމަށް ނިންމަވައިފައެވެ. އެއީ، ރައްޔިތުންނަށް ދެމުން އައި އެއްޗެއް އުނިނުކުރުމުގެ ގޮތުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ އެ ނިންމެވުމަށް އިގުތިސާދީ މާހިރުންގެ ފާޑުކިޔުންތައް އަމާޒުވިއެވެ.
މީގެ އިތުރުން މި ސަރުކާރުގެ ކުރީކޮޅު ދައުލަތުގެ ޚަރަދު ކުޑަކުރަން އިއުލާންކުރި ފިޔަވަޅުތަކުގެ ތެރޭގައި ބައެއް ކުންފުނިތައް އުވާލުމާއި އެއްކޮށްލުމަށް ނިންމުން ހިމެނެއެވެ. އެހެންނަމަވެސް، މި ސަރުކާރުގައި އިތުރު ކުންފުނިތައް އުފެއްދުމާއެކު، އިންތިޚާބުތަކާ ދިމާކޮށް ކުންފުނިތަކަށް ގިނަ އަދަދަކަށް މުވައްޒަފުން ނެގުމުގެ މައްސަލަތައް ފެންމަތިވެފައިވެއެވެ.
