ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން، ޗެޓް މެދުވެރިކޮށް ވާހަކަދެއްކޭނެ ޚާއްޞަ އެޕްލިކޭޝަނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްގެ ސޯޝަލް ސާވިސް ކޯޑިނޭޓަރު އާއިޝަތު ޝޫޒާ ރޭ ވިދާޅުވީ، މިހާރު ޚިދުމަތް ދެމުން އަންނަ ނޭޝަނަލް މެންޓަލް ހެލްތު ހެލްޕުލައިން މެދުވެރިކޮށް ބައެއް ވާހަކަތައް ހިއްސާކުރުމަށް ބައެއް ފަރާތްތަކުން ފަސްޖެހޭ ކަމަށެވެ.
އެ ކަމަށް މަގުފަހިވާ އެންމެ ބޮޑު ސަބަބަކީ، އިތުބާރު ކުޑަވުމާއި ކާކުކަން އެނގިދާނެތީ އަމިއްލަ ހާލަތު ބަޔާންކޮށްދޭން ދަތިވުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޝޫޒާ ފާހަގަކުރެއްވި ގޮތުގައި، ޗެޓު އެޕެއް ހެދުމަށް ހުށަހެޅުންތައް ލިބޭތީއާއެކު، އެ ފަދަ އެޕެއް އެކުލަވާލުމުގެ މަސައްކަތް ކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، ސައުވީސް ގަޑިއިރު ޚިދުމަތް ދޭ ގޮތަށް، ނަފުސާނީ އެހީ ފޯރުކޮށްދޭން ހެލްޕްލައިނެއް ފެބްރުއަރީ 21، 2024ގައި ވަނީ ތައާރަފުކޮށްފައެވެ.
ރާއްޖޭގައި ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިދިޔަ ޖޫން މަހުގެ 23ގައި ހެލްތު މިނިސްޓަރު ގީލާ ޢަލީ ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ތިން އަހަރު 70،000 އަށް ވުރެ ގިނަ މީހުން ނަފްސާނީ ބައްޔަށް ފަރުވާ ދޭ ޑޮކްޓަރުންގެ އެހީތެރިކަން ހޯދައިފައިވެއެވެ. އޭގެ ތެރޭގައި ގިނައީ މާލެ ސަރަހައްދުން އެހީތެރިކަން ހޯދި މީހުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
