ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 'ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަން' އެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅައިފިއެވެ.
ދިރާގުން ބުނި ގޮތުގައި، މި ކަމުގެ ސަބަބުން، މި ދުވުމުގައި ބައިވެރިވާ ދުވުންތެރިން ހޯދާ ނަތީޖާތައް ބައިނަލްއަގުވާމީ ރޭންކިންގްގައި ހިމެނި، ދުނިޔޭގެ ފެންވަރުގައި ރަސްމީކޮށް ބަލައިގަންނަ ކާމިޔާބީތަކަކަށް ވާނެއެވެ.
މި އަހަރުގެ ދުވުމުގައި 5،500އަށް ވުރެ ގިނަ ދުވުންތެރިން ވަނީ ރަޖިސްޓަރީކޮށްފައެވެ. މިއީ މި ދުވުމުގެ ތާރީޚުގައ ވެސް އެންމެ ގިނަ އަދަދަކަށް ދުވުންތެރިން ބައިވެރިވި އަހަރުކަން ދިރާގުން ފާހަގަކުރިއެވެ.
މި ދުވުމުގައި ބައިވެރިވުމަށް ފުރަތަމަ ހުޅުވާލީ 4،000 ފުރުސަތެވެ. އެކަމަކު، އާންމުންގެ ފަރާތުން ލިބުނު ފޯރިގަދަ ތަރުހީބާ ގުޅިގެން ދިރާގުން ވަނީ ޖާގަ ވަނީ އިތުރުކޮށްފައެވެ.
މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 20ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ހަރަކާތުގައި ހިމެނޭ ކެޓަގަރީތަކުގެ ތެރޭގައި ހާފް މެރަތަން، 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފުކޮށްފައިވާ ޓީމް ކެޓަގަރީތައް ހިމެނެއެވެ.
ތަޖުރިބާކާރު ދުވުންތެރިންނާއި ދުވުމުގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތައް އެއްތަނަކުން ބައްދަލުވެގެންދާނެ މި ދުވުމުގެ މައިގަނޑު މަގުސަދަކީ، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ހިތްވަރުދީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދުވުމުގެ އާދަ އަށަގަންނުވައި، އެންމެންނަށް ވެސް ބައިވެރިވެވޭ ފަދަ ޕްލެޓްފޯމެއް ގާއިމްކޮށްދިނުމެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން، ޑީއެމްއާރްއާރް 2026 އަކީ ވެސް ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
ޑީއެމްއާރްއާރްއަކީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ދުވުމެއްކަން ފާހަގަކޮށްލެވެއެވެ.
