ފަލަސްތީނުގެ ހުޅަނގު ކަރައިގައި އިސްރާއީލުން ގާނޫނާ ޚިލާފަށް ވަޒަންވެރިވަމުންދާ ދިއުން ވަގުތުން ހުއްޓުވައި، އެ ނިންމުންތައް އަނބުރާ ގެންދިއުމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ އިސްރާއީލުގެ ރައީސް އައިސަކް ހެރްޒޯގްއަށް ގޮވާލައްވައިފިއެވެ.
އަޒަރުބައިޖާންގެ ބާކޫގައި ކުރިއަށްދާ "ކޮންފަރެންސް އޮން އިންޓަރެކްޝަން އެންޑް ކޮންފިޑެންސް-ބިލްޑިން މެޝާސް އިން އޭޝިއާ" ސަމިޓްގެ ހަވާސާގައި އިސްރާއީލުގެ ރައީސާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަންގް ޔީ ވިދާޅުވީ، ފަލަސްތީނުގެ މައްސަލައަކީ މި ގަރުނުގައި ހިންގާފައިވާ އެންމެ ބޮޑު ތާރީޚީ އިންސާފެއް ނެތް އަމަލު ކަމަށް މީގެ ކުރިން ވެސް ޗައިނާއިން ގަބޫލުކުރާ ކަމަށެވެ. އަދި މި މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ "ދެ ދައުލަތުގެ ހައްލު" ކަމަށާއި، މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ކަމަކީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަގުތައް ފުރިހަމައަށް ހުޅުވާލައި، ކުރިމަތިވެފައިވާ އިންސާނީ ކާރިސާ އިތުރަށް ބޮޑުވިޔަ ނުދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
މެދުއިރުމަތީގައި އެމެރިކާއާއި އިސްރާއީލު ގުޅިގެން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި ހަމަނުޖެހުންތައް ބޮޑުވަމުންދާ ދަނޑިވަޅެއްގައި، ޗައިނާއިން އަންނަނީ އެ ސަރަހައްދުގައި އޮތް ބޭރުގެ ނުފޫޒުތަކަށް ދެކޮޅުހަދައި، ސަރަހައްދީ ސުލްހައާއި ރައްކާތެރިކަން ގާއިމުކުރުމަށް ސިޔާސީ އަދި ޚާރިޖީ ހައްލުތަކެއް ހޯދުމަށް ގޮވާލަމުންނެވެ. އެގޮތުން ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން، ހަނގުރާމައިގެ ހުރިހާ ފަރާތްތަކެއް މަޝްވަރާގެ މޭޒަށް އަނބުރާ ގެނައުމަށް ޗައިނާއިން ތައްޔާރަށް އޮތްކަން ވަންގް ޔީ ވަނީ ހާމަކުރައްވާފައެވެ.
އިރާނުގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާގެ ގޮތުގައި އޮތް ޗައިނާއިން ވަނީ، މީގެ ކުރިންވެސް އެމެރިކާއާއި އިސްރާއީލުން އިރާނަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ހަމައެއާއެކު ސައޫދީ އަރަބިއްޔާއާއި، ގަތަރު އަދި ޔޫއޭއީ ފަދަ ގަލްފު ގައުމުތަކާއެކު އޮތް ގުޅުން ބަދަހިކޮށް، މެދުއިރުމަތީގެ މަސްރަހު ހަމައަކަށް އަޅުވައި، ސުލްހަވެރި ހައްލަކަށް ދިއުމަށް ބާރުއެޅުމުގެ މަސައްކަތް ޗައިނާއިން އަންނަނީ ފުޅާކުރަމުންނެވެ.
