ބޮލީވުޑްގައި 1980 އަދި 1990ގެ އަހަރުތަކުގައި ކާމިޔާބު އެތައް ފިލްމުތަކެއް އުފެއްދި ކުޅަދާނަ ޑައިރެކްޓަރު ސުބާޝް ގާއި، މި ޒަމާނުގެ ފަންނާނުންގެ މިސްރާބާ މެދު ކަންބޮޑުވުން ފާޅުކޮށް، އެކްޓަރުން މިހާރު ފަންނުވެރިކަމަށްވުރެ ބޮޑަށް އިސްކަންދެނީ ފައިސާއަށް ކަމަށް ބުނެ ފާޑުކިޔައިފިއެވެ.
އަނިލް ކަޕޫރު، މަދޫރީ ޑިކްސިޓް، ޝާހްރުކް ޚާން އަދި އައިޝްވަރިޔާ ރާއީ ފަދަ އިންޑިއާގެ އެންމެ މަޤުބޫލު އަދި ހުނަރުވެރި ތަރިންނާއެކު "ކަލްނާޔަކް"، "ހީރޯ"، "ޕަރްދޭސް" އަދި "ތާލް" ފަދަ ލާމަސީލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު މި މޭރުމުން ވާހަކަދެއްކީ "ސްކްރީން" މަޖައްލާއަށް ދިން ޚާއްސަ އިންޓަވިއުއެއްގައެވެ.
ސިނަމާއަށް އައިސްފައިވާ މި ބޮޑު ބަދަލަށް އަލިއަޅުވާލަމުން ސުބާޝް ފާހަގަކުރި ގޮތުގައި، މުޅި ފިލްމީ ސިނާއަތް މިއަދު މިވަނީ ވިޔަފާރީގެ އޮއިވަރުގެ ތެރެއަށް ޣަރަގުވެފައެވެ. މިގޮތުން މި ޒަމާނުގެ ޒުވާން ޖީލުގެ ފަންނާނުން އަވަސްވެގަންނަނީ ކުރު މުއްދަތެއްގެ ތެރޭގައި ވީހާވެސް ގިނަ ފައިސާ ހޯދުމަށް ކަމަށާއި، ފަންނުވެރިކަމުގެ އަގުވަޒަންކުރުން މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަވެފައި ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް އެ މީހުންގެ ޒަމާނުގައި އެކްޓަރުންގެ އަސްލު އަމާޒަކަށްވީ ފަންނަށް އިޚްލާސްތެރި، ފުރިހަމަ ފަންނާނަކަށް ވުން ކަމަށާއި، ފައިސާއަކީ އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ފަހުން ލިބޭނެ އެއްޗެއްގެ ގޮތުގައި ފިލްމީ ތަރިން ދުށް ޒަމާނެއްވެސް އައި ކަމަށް ސުބާޝް ވަނީ ބުނެފައެވެ. އެ ދުވަސްވަރު ޕްރޮޖެކްޓެއް އިޚްތިޔާރުކުރުމުގައި ބެލި ހަމައެކަނި މިންގަނޑަކީ ޑައިރެކްޓަރާއި، ވާހަކައިގެ ފުރިހަމަކަމުގެ އިތުރުން އަދާކުރަންޖެހޭ ރޯލުގެ މުހިންމުކަން ކަން ސުބާޝް ވަނީ ފާހަގަކޮށްފައެވެ. އަދި ހަމައެއާއެކު ފިލްމުގެ ވާހަކަ އާއި ކުޅޭ ކެރެކްޓާއަށް އޮތް ލޯތްބެއްގެ ބޮޑުކަމުން އޭނާގެ ފިލްމުތައް ކުޅުމަށް އޭރުގެ ގިނަ ތަރިން އެއްބަސްވެފައިވަނީ އާންމުކޮށް އެ މީހުން ނަގާ އަގުގެ އެންމެ ސާޅީސް އިންސައްތަ ފީއަކަށް ކަމަށް ތަޖުރިބާކާރު ޑައިރެކްޓަރު ބުނެފައިވެއެވެ.
ސުބާޝް ފިލްމީ ތަރިން ކަމަށްވާ، ޝާހްރުކް ޚާން، ސަންޖޭ ދަތު އަދި ކުރީގެ މަޝްހޫރު ކޮރިއަގްރާފަރު ސަރޯޖް ޚާންއާ އެކު--ފޮޓޯ/އިންސްޓަގްރާމް
މިއަދު ފިލްމު އިންޑަސްޓްރީން ފެންނަ މަންޒަރު މުޅިން ތަފާތުކަން ފާހަގަކުރަމުން ސުބާޝް އިތުރަށް ބުނީ، މިހާރުގެ އެކްޓަރެއް ގާތުގައި އަގު ހެޔޮކޮށް މަސައްކަތްކުރުމަށް އެދިއްޖެނަމަ، އެ ކަމުގެ ތެރެއަށް ހަތަރު މެނޭޖަރުން ވަދެ، ތަރިއެއްގެ ބްރޭންޑް ވިއްކުމަށް ތިން ޕީއާރު އޭޖެންޓުން ނުކުންނަ މަންޒަރު ފެންނަ ކަމަށެވެ. އަދި ފިލްމުތަކުގެ އިތުރުން އިސްތިހާރުތަކާއި އެހެނިހެން ވަސީލަތްތަކުން ފައިސާ ހޯދުމުގެ ފުރުސަތުތައް މިހާރުގެ ތަރިންނަށް ތަނަވަސްވެފައި އޮތް ނަމަވެސް، އެފަދަ މަޤުބޫލުކަމަކީ މާ ގިނަ ދުވަހަށް ދެމިގެންދާނެ ކަމެއް ނޫން ކަމަށް އޭނާ އިންޒާރުދިނެވެ.
މިގޮތުން އެ ވިދުވަރަކީ ތިނެއް ނުވަތަ ހަތަރު އަހަރުގެ ތެރޭގައި ފަނޑުވާނެ އެއްޗެއް ކަމަށާއި، އެއަށްފަހު އެ މީހުން މައިދާނުން ބޭރުވެ، އެހެން ބަޔަކު އެ ޖާގަ ފުރާލާނެ ކަމަށް ބުނެ ސުބާޝް ވަނީ ފަންނު ދޫކޮށް ފައިސާ ފަހަތުން ދުވުމުގެ ނަތީޖާއާމެދު ސުވާލު އުފައްދައިފައެވެ.
