ސަރުކާރުން އުވާލަން ނިންމާފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އެގްޒެކެޓިވް ޑިރެކްޓަރު އަދި އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަލީ އަޒުވަރު އަދި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އިބްރާހިމް ނިޒާމް މިއަދު އައްޔަންކޮށްފިއެވެ.
މި ބަދަލު ގެނެސްފައި މިވަނީ ފެނަކަ އުވާލައި، އެ ކުންފުނީގެ ދަށުގައިވާ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރަން ނިންމައި، އެ ކަމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރި ގޮތުގައި، ފެނަކައިގެ އެގްޒެކެޓިވް ޑިރެކްޓަރު އަދި އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސ. ފޭދޫ، ނެސްޕްރޯވިލާ، ޑރ. އަލީ އަޒުވަރު އަދި ޑިރެކްޓަރުންގެ ބޯޑަށް ހ. ހުދުރިޔާ، އިބްރާހިމް ނިޒާމް އައްޔަންކޮށްފައި ވަނީ މިއަދުން ފެށިގެންނެވެ.
ފެނަކައިގެ އިސް މަގާމުތަކަށް މި ބަދަލު ގެނެސްފައިވާއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑުން މުހައްމަދު އަފީފް ހުސައިން ވަނީ އިއްޔެ ވަކިކޮށްފައެވެ. އަފީފް އެ މަގާމުން ވަކިކުރުމަށްފަހު މިއަދު ވަނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވާފައެވެ.
https://x.com/pcb_gov/status/2110664773897764867
މީގެ އިތުރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލަން ނިންމުމާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބްރާހީމް ނަޒީމް އިއްޔެ ވަކިކުރުމަށްފަހު، މިއަދު ވަނީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރައްވާފައެވެ. އަދި އާރުޑީސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވަގުތީ ގޮތުން ހަމަޖައްސާފައި ވަނީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން މި ސަރުކާރުން ވަނީ ފަށާފައެވެ.
އޭގެ ތެރޭގައި ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް ވުރެ މަދުކުރުމަށް ޕީސީބީން ވަނީ އަންގާފައެވެ. މިއާއެކު އެޗްޑީސީ އަދި ފެނަކަ ފަދަ ކުންފުނިތަކުން ވަނީ އަމިއްލައަށް ވަޒީފާއިން ވަކިވާން އެދޭ ފަރާތްތަކަށް ވެސް ފުރުސަތު ހުޅުވާލައި އެފުރުސަތުގެ ދަށުން އެއްތައް މުވައްޒަފުންނެެއް ވަކިކޮށްފައެވެ.
ހަމައެއާއެކު، އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި ބައެއް ކުންފުނިތައް އެއްކޮށްލުމާއި އުވާލުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. އެގޮތުން ފެނަކަ އުވާލައި އޭގެ މަސައްކަތްތަކާއި މުވައްޒަފުން ސްޓެލްކޯގެ ދަށަށް ބަދަލުކުރުމާއި، އާރުޑީސީ އެމްޓީސީސީއާ އެއްކޮށްލުމުގެ އިތުރުން އެގްރޯނެޓް މިފްކޯގެ ސަބްސިޑިއަރީ ކުންފުންޏަކަށް ބަދަލުކުރުން ހިމެނެއެވެ.
