ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް އެ މީހުންގެ ޢާއިލާގެ މެންބަރަކާއެކު 1448 ވަނަ އަހަރު ޙައްޖަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރްޒުލް އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފިރްޒުލް ވިދާޅުވީ، 65 އަހަރުން މަތީގެ ފަރާތްތަކަށް އިސްކަން ދިނުމަށް ސަރުކާރުން ކުރިން ވެސް ނިންމާފައިވާއިރު، އެންމެ އައުލާކަން ބޮޑީ އެ އުމުރުފުރައިގެ ތެރެއިން ވެސް އުމުރުން އެންމެ ދޮށީ ބޭފުޅުންނަށް އިސްކަންދިނުން ކަމަށެވެ.
އެހެންކަމުން، ސަރުކާރުން މިހާރު ނިންމާފައިވަނީ 1448 ވަނަ އަހަރު ޙައްޖަށް ދާ މީހުންގެ ތެރެއިން އިސްކަންދިނުމުގައި 70 އަހަރުން މައްޗަށް ބަލައިގެން ކުރިއަށް ގެންދިއުމަށް އޭނާ ވިދާޅުވިއެވެ.
ފިރްޒުލް ފާހަގަކުރެއްވި ގޮތުގައި، 1448 ވަނަ އަހަރު ޙައްޖަށް ދެވޭނެ ކަމަށް ކުރިން އަންދާޒާކުރެވިފައިވާ 65 އަހަރާއި 69 އަހަރާ ދެމެދުގެ ބޭފުޅުންގެ ޖާގައަށް އެއްވެސް ލަސްވުމެއް ނާންނާނެއެވެ. އަދި އެ ބޭފުޅުން ފައިސާ ދެއްކެވި އިރު، ޢާއިލާގެ މެންބަރުންނާއެކު ދިއުމަށް ފައިސާ ދައްކަވާފައިވާނަމަ، ކުރިން އަންދާޒާކުރި ގޮތަށް އެ ޖާގަ ހަމަ އެގޮތުގައި ދަމަހައްޓައިދޭނެ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް، އެއް އާއިލާއަކުން ތިނެއް ނުވަތަ ހަތަރު މީހުން ފައިސާ ދައްކާފައި ތިބި ނަމަވެސް، ހަމަހަމަ ފުރުސަތު ދިނުމުގެ ގޮތުން 65 އަހަރުން މަތީގެ ބޭފުޅާއާއެކު ޖާގަ ލިބިގެންދާނީ އާއިލާގެ އެއް މެންބަރަކަށެވެ.
"އިސްކަން ދެވޭ ނިޒާމުގެ ތެރޭގައި ފުރުސަތު އެރުވޭނީ ހަމަހަމަކަމާ އެކު. އެއީ ސަރުކާރުން ނިންމާފައިވާ ގޮތަކީ، ހުރިހާ ބޭފުޅުންނަށް ވެސް ހަމަހަމަވެގެންދާނެ ގޮތަކަށް ފުރުސަތު ދެއްވުމަށް. އެގޮތުން އާއިލާގެ ތިނެއް ނޫނީ ހަތަރު ބޭފުޅުން ވެސް ފައިސާ ދައްކާފައި ހުރުމަކީ އެކަށީގެންވާ ކަމެއް. ނަމަވެސް ފުރުސަތު ދެވޭނީ އޭގެތެރެއިން އާއިލާގެ ކޮންމެ ވެސް އެއް ބެމްބަރަކަށް،" ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ 65 އަހައަރުން މަތީ މީހާއާއެކު އާއިލާގެ ކޮންމެވެސް އެކަކަށް ފުރުސަތު ލިބޭއިރު، އެ ޖާހަގަ ހަމަ އެގޮތުގައި ފަސްކުރުމެއް ނެތި ދެމެހެއްޓޭނެ ކަމަށެވެ.
ދިވެހި ޙައްޖުވެރިން ތަކެއް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ސަރުކާރުން އެކުލަވައިލާފައިވާ އައު އުސޫލުގެ ދަށުން، ޙައްޖު ކިއުގައި 3 އަހަރު ވެފައިވާ އަދި އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް މިހާރު ވަނީ ޙައްޖުގެ ފުރުސަތު ދިނުމަށް ނިންމާފައެވެ. މިގޮތުން 70 އަހަރު ފުރުމާއި ކިއުގެ މުއްދަތު ބަލާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ކަމަށް ޙައްޖު ކޯޕަރޭޝަނުން ބުންޏެވެ.
މީގެއިތުރުން، އުމުރުން 75 އަހަރުން މަތީގެ ބޭފުޅުންނަށް ޙައްޖަށް ވަޑައިގަންނަވާއިރު އެހީތެރިއަކު ގެންދިއުމުގެ ފުރުސަތު އުސޫލުގެ ތެރެއިން ލިބިގެންދާނެކަމަށް އެ ކޯޕަރޭޝަނުން ބުނެއެެވެ.
ކިއުގައި ގިނަ ދުވަސްވުމުގެ ސަބަބުން މީހުން އުމުރުން ދުވަސްވެ، އެހީތެރިން ގެންދަންޖެހޭ މިންވަރު އިތުރުވުމަކީ އާންމު ކިއުއިން ޖާގަ ލިބޭ މިންވަރު މަދުވާ ސަބަބެއްކަން ފާހަގަކުރައްވަމުން ފިރްޒުލް ވިދާޅުވީ، އުސޫލު އެކުލަވާލާފައިވަނީ އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ފަރާތްތަކަށް ހަމަހަމަކަމާއެކު ފުރުސަތު ލިބޭނެ ގޮތަށް ކަމަށެވެ.
އެގޮތުން އަންނަ އަހަރުން ފެށިގެން އަމިއްލަ ޖީބުން ޚަރަދުކުރަން ނުޖެހި، ހަރުދަނާ ނިޒާމެއްގެ ތެރެއިން ޙައްޖުވެރިންނަށް މެޑިކަލް ޗެކަޕްގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.
