ގދ. ތިނަދޫ ޑީއެމްއެން ކެފޭ ކުރިމަތިން ބަނދަރާ ދިމާލަށް ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް މޫދަށް ވެއްޓުނީ ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅެނިކޮށް ކަމަށާއި މި ހާދިސާގައި ސައިކަލުގައި ތިބި މީހުންނަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ފުލުހުން ބުނީ، މިއަދު ހަވީރު 17:28 އެހައިކަންހާއިރު ހާދިސާގެ މައުލޫމާތު ލިބުނު ކަމަށާއި ފުލުހުންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން، 17:47 އެހައިކަންހާއިރު ސައިކަލު މޫދުން ނަގައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.
ފުލުހުން މައުލޫމާތުދިން ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެންނެވެ. އަދި އެވަގުތު ސައިކަލު ދުއްވަން އިން މީހާއާއި ފަހަތުގައި އިން މީހާއާއެކު ސައިކަލު މޫދަށް ވެއްޓުނު ނަމަވެސް މި ހާދިސާގައި ސައިކަލުގައި ތިބި މީހުންނަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދިނެވެ.
ތިނަދޫގައި މޫދަށް ވެއްޓުނު ސައިކަލު ބަޔަކު ވެގެން ނަގަނީ --
ފުލުހުން ބުނީ، އެވަގުތު ސައިކަލު ދުއްވަން އިން މީހާއަކީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށެވެ.
މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، އެއްގަމު އުޅަނދު ދުއްވާއިރު ދުއްވާ ފަރާތާއި މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކުގެ ރައްކާތެރިކަމަށް އިސްކަންދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފައިވެއެވެ.
މީގެ އިތުރުން، ގާނޫނާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އުޅަނދުގެ ބެލެންސް ނުގެއްލޭނެހެން އަދި އުޅަނދު ދުއްވާ ފަރާތަށާއި ފަހަތުގައި އިންނަ ފަރާތަށް ދަތިނުވާނެހެން ރައްކާތެރިކަމާއެކު މުދާ އުފުލުމަށްވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.
