ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދީގެން ހިންގާ މަޝްރޫއުގެ ތަފުސީލު ހާމަނުކުރާ ކަމަށް ބުނެ، އެ މަޝްރޫއު ހުއްޓުވުމަށް 'ދިވެހީންގެ ބިން ދިވެހީންނަށް' ނަމުގައި ހިމޭން އިހުތިޖާޖެއް ފަށައިފިއެވެ.
މި މަޝްރޫއާ އިދިކޮޅު ގިނަ ފަރާތްތަކެއް ގުޅިގެން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.
އެ ބައްދަލުވުމުގައި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ މަޝްރޫއަކީ ދުރާލާ ރާވައިގެން ދިވެހީންގެ ބާރު ރަށްވެހިންގެ އަތުން ނަގައި، ޒަޔަނިސްޓުންގެ އަތްމައްޗަށް ދޫކޮށްލުމަށް ހިންގާ ވަރަށް ނުރައްކާތެރި ބޮޑު ޖަރީމާއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ.
އެހެންވެ، މިދިޔަ މަހުގެ 21ގައި އެ މަޝްރޫއުގައި ސޮއިކުރި ފަހުން ތަފާތު އުމުރުފުރާތަކުގެ މީހުންނާއި ދިރާސާކުރާ މީހުންނާއި ރައްޔިތުން އައީ، ރަސްމާލޭން ބައެއް އީގަލް ހިލްސްއަށް ވިއްކުމާ ދެކޮޅަށް އިހުތިޖާޖު ކުރަމުން ކަމަށް އިމްރާން ވިދާޅުވިއެވެ.
'ދިވެހިންގެ ބިން ދިވެހީންނަށް' ފެށި ހަރަކާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ----
"އަޅުގަނޑުމެން މިއަދު މި ފަށާ ކަމަކީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ވަކިވަކިން އިވެމުން ދިޔަ އަޑުތައް އެއްކޮށްލުން. މިއަދު އަޅުގަނޑުމެން މި އިއުލާނުކުރަނީ ދިވެހީންގެ ބިން ދިވެހީންނަށް މި ޝިއާރުގެ ދަށުން ފެށިގެންދާ ރައްޔިތުންގެ ގައުމީ ހަރަކާތެއް،" އޭނާ ވިދާޅުވިއެވެ.
އިމްރާން ވިދާޅުވި ގޮތުގައި، ރަސްމާލެ މަޝްރޫއު ސަރުކާރުން ހުއްޓާލުމާ ހަމައަށް މި ހަރަކާތް ކުރިއަށްދާނެއެވެ. އަދި، ޒަޔަނިސްޓުންނަށް ބާރުވެރިކަން ލިބޭ ގޮތަށް ރާއްޖޭގެ ބިމުން އެންމެ ވެލި ފުކެއް ވެސް ދޫކޮށްލެވިގެން ނުވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި، ޕީއެންއެފުގެ ތާއިދާއެކު މާލޭގެ މޭޔަރު ކަމަށް މީގެ ކުރިން ވާދަކުރެއްވި އިސްމާއިލް ޒަރިޔަންދު ފާހަގަކުރެއްވި ގޮތުގައި، ރަސްމާލެ މަޝްރޫއުއިން ސަރުކާރަށް އަންދާޒާކުރި އަދަދަށް ފައިސާއެއް ނުލިބޭނެއެވެ.
އެ މަޝްރޫއިން 2037 ވަނަ އަހަރާ ހަމައަށް ވާނީ ގެއްލުން ކަމަށާއި އެ އަހަރާ ހަމައަށް އެ ތަނުގައި އެންމެ ގިނަވެގެން ވެސް އިންވެސްޓު ކުރެވޭނީ، 1.9 ބިލިއަން ކަމަށް ޒަރިޔަންދު ގަބޫލުކުރައްވައެވެ. މިގޮތުން، 2037 ވަނަ އަހަރާ ހަމައަށް 285 މިލިއަން ޑޮލަރާއި 430 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ސަރުކާރަށް ގެއްލުންވާނެ ކަމަށް ޒަރިޔަންދު ލަފާކުރެއްވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، ރަސްމާލޭގެ މަޝްރޫއާ ގުޅުވައި އިދިކޮޅުން ފާޅުކުރަމުން އަންނަ ކަންބޮޑުވުންތަކަށް ސަރުކާރުންނާއި އީގަލް ހިލްސްއިން ވެސް ޖަވާބުދީފައިވެއެވެ. އެގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވަނީ، ރަސްމާލެ މަޝްރޫއުގެ ދަށުން އިސްރާއީލުގެ ރައްޔިތުންނަށާއި އެ ގައުމާ ގުޅުންހުރި ކުންފުނިތަކަށް ޕްރޮޕަޓީ ނުގަނެވޭނެ ފިޔަވަޅުތަކެއް އަޅުއްވާނެކަން މިދިޔަ ހަފުތާގައި އިއުލާންކުރައްވައިފައެވެ.
މީގެ އިތުރުން، އަބޫދާބީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލްޢައްބާރު ވަނީ، އެ ކުންފުނިން ވިޔަފާރީގެ މުއާމަލާތްތައް ހިންގަނީ އެ ގައުމެއްގެ ގާނޫނުތަކަށް އިހުތިރާމު ކޮށްގެން ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ކުރާ އިންވެސްޓްމަންޓުން ދިވެހީންނަށް ގިނަ ގުނަ ފައިދާތަކެއް ވާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
