ސައުދީ އަރަބިއްޔާގެ މަދީނާއަށް އަމާޒުކޮށް ޔަމަނުގެ ހޫޘީން މިއަދު ފޮނުވާލި ކްރޫޒް މިސައިލެއް ވައްޓާލައިފައިވާ ކަމަށް ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ބުނެފިއެވެ.
ހޫޘީންނާ ދެކޮޅަށް ޔަމަނުގައި ހަނގުރާމަކުރާ ސައުދީ ކޯލިޝަންގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރުކީ އަލް މާލިކީ މިއަދު ވިދާޅުވި ގޮތުގައި، ހޫޘީން ފޮނުވާލި އެ ކްރޫޒް މިސައިލް ވަނީ މަދީނާގެ މަތިން ކާމިޔާބުކަމާއެކު ވައްޓާލައިފައެވެ. އެ ހަމަލާ ދީފައިވަނީ، ފާއިތުވި ދުވަސްތަކުގައި ސައުދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހޫޘީން ދެމުންގެންދާ ހަމަލާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
ސައުދީ ކޯލިޝަނުން އެހެން ބުނި ނަމަވެސް، ހޫޘީންގެ ތަރުޖަމާނު ޔަހުޔާ ސަރީ ވަނީ، އެ ޖަމާއަތުން މިއަދު ސައުދީއަށް އަމާޒުކޮށް ހަމަލައެއް ދީފައިނުވާ ކަމަށް ވިދާޅުވެފައެވެ.
ފާއިތުވި ދުވަސްތަކުގައި ހޫޘީން ފޮނުވާލި 14 މިސައިލަކާއި ޑްރޯނެއް ވައްޓާލާފައިވާ ކަމަށް ކޯލިޝަނުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ސައުދީގެ ވެރިރަށް ރިޔާޟާއި، އަލް ހަރްޖުގެ އިތުރުން އިރުމަތީ ޕްރޮވިންސަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް އަދި ކްރޫޒް މިސައިލްތައް ހިމެނެއެވެ. މީގެ އިތުރުން، ރިޔާޟާއި ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށް ފޮނުވާލި ފަސް ޑްރޯނެއް ވެސް ވައްޓާލާފައިވާ ކަމަށް ކޯލިޝަނުން ބުނެފައިވެއެވެ.
މި ހަމަލާތަކާ ގުޅިގެން ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އާންމުން ރައްކާތެރިކުރުމަށާއި ހޫޘީންގެ އަސްކަރީ ގާބިލުކަން ނައްތާލުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.
