ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކައުތެރިކުރުމުގައި އެއްވެސް ދުލެއް ނުދޭނެ ކަމަށާއި، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ އެއްވެސް ބާރެއް ބޭރުގެ އެއްވެސް ފަރާތަކަށް ދޫނުކުރާނެ ކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހެން ބުނެ ބަޔާނެއް ނެރެފައި މިވަނީ، ހުއްދަނެތި ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ދެ އުޅަނދެއް ވަދެ، މާލެ ކައިރީގައި ބަނދަރުކޮށްގެން އޮންނަތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، އެކަން ބޯޑަރު ބަލަހައްޓާ އެއްވެސް މުއައްސަސާއަކަށް އެނގިފައިނުވާ ކަމަށް ބުނެ ބައެއް ޚަބަރުތައް ދައުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހިދައުލަތުގެ ސިޔާދަތަކީ އެ މައްޗަށް ރާއްޖޭގެ މިނިވަންކަން ބަރޯސާވާ، ބަދަލުނުކުރެވޭނޭ އަދި ދިވެހި ރައްޔިތުންގެ ހައްގެއް ކަމަށެވެ. އަދި ރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ ބައިނަލްއަގްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ޚާއްސަ އިގްތިޞާދީ ސަރަޙައްދު ހިމެނޭހެން، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ދައުލަތާ ޙަވާލުކޮށްފައިވާ ޒިންމާއެއްކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މީގެއިތުރުން، މި ހުދޫދުގެ ތެރެއިން ގައުމުގެ ސިޔާދަތު ދެމެހެއްޓުމަކީ ދިވެހިން އަބަދުވެސް ފަޚުރުވެރިކަމާއެކު ކުރަމުން އަންނަ ކަމެއްކަން ދިވެހި ތާރީޚުން ސާބިތުވާކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
ދުނިޔޭގެ ޖޯގުރަފީއަށް ބަލާއިރު ރާއްޖެ އޮތީ އިސްތިރާޖީގޮތުން ނުހަނު މުހިންމު ސަރަޙައްދެއްގައިކަން ފާހަގަކޮށް ބަޔާނުގައިވަނީ ރާއްޖޭގެ ކަނޑުއޮޅިތަކަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި އެހެނިހެން މުހިންމު ވިޔަފާރިތަކުގެ ބޮޑު އިންސައްތައެއް ދަތުރުކުރާ މުހިންމު މަގުތަކެއް ކަމަށެވެ.
އެހެންކަމުން، މި ސަރަޙައްދު އަމާންކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ބައިނަލްއަޤްވާމީ ވިޔަފާރިއަށާއި ސަރަޙައްދީ ހަމަޖެހުމަށް ރާއްޖެއިން އަދާކުރާ އަގުހުރި ދައުރެއް ކަމުގައި ބަޔާނުގައިވެއެވެ.
ރާއްޖޭގެ ސަރަޙައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުން ބޭރުގެ އެއްވެސް ފަރާތަކާ ޙަވާލުނުކުރުމަކީ ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތުކަން ތަކުރާރުކޮށް ހާމަކޮށް ސަރުކާރުން ބުނީ، ސަރަޙައްދުގެ އެއްވެސް ބައެއް އަސްކަރީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ބެލެހެއްޓުމަށް ބޭރުގެ ފަރާތަކަށް ހުޅުވައިލުމަކީ ދިވެހި ދައުލަތުގެ ސިޔާދަތަށް އުނިކަން އަންނާނެ ކަމެއް ކަމަށެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ހާލެއްގައި ބޭރުގެ އަސްކަރީ ނުވަތަ އެ ނޫން ވެސް ބެލެހެއްޓުމުގެ ބާރަކަށް ދޫނުކުރާނެ ކަމުގެ ޔަގީންކަން ދެމުން، އެފަދަ ގޮތަކަށް މޭރުންވެދާނޭ ފަދައިން ބޭރުގެ އެއްވެސް ނުފޫޒަކަށް، ސީދާ ނުވަތަ ނުސީދާ ގޮތަކުން ވިޔަސް ދަޢުވަތު ނުދިނުމަށް ދިވެހި ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.
