ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުން ކުއްލި ގޮތަކަށް މަރުވާ މިންވަރު ކަންބޮޑުވާ ދަރަޖައަކަށް އިތުރުވަމުންދާތީ، އެކަމާ ގުޅޭގޮތުން ބަންގްލަދޭޝް މެޑިކަލް ޔުނިވާސިޓީ (ބީއެމްޔޫ) ގެ ވައިސް ޗާންސެލަރާއި، ރާއްޖޭގައި ހުންނަވާ ބަންގްލަދޭޝްގެ ސަފީރު މުހިންމު މަޝްވަރާތަކެއް ބާއްވަވައިފިއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ނޫހެއް ކަމަށްވާ "ނިއު އޭޖް" ގައި ރިޕޯޓްކޮށްފައިވާ ގޮތުން، މި ބައްދަލުވުން ބާއްވާފައިވަނީ ބީއެމްޔޫގެ ވައިސް ޗާންސެލަރު ޕްރޮފެސަރު ޑރ. އެފްއެމް ސިއްދީގީ އާއި، ދިވެހިރާއްޖޭގައި ހުންނަވާ ބަންގްލަދޭޝްގެ ހައިކޮމިޝަނަރު އެމްޑީ ނަޒްމުލް އިސްލާމްއާ ދެމެދުގައެވެ.
މިދިޔަ އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަތީ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ މި މަރުތައް މެދުވެރިވާ ސިއްހީ އަދި ތިމާވެށީގެ ސަބަބުތައް ދެނެގަތުމަށް ފުރިހަމަ ތަހުގީގެއް ހިންގުމަށާއި، މިފަދަ ހާދިސާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މައްޗަށެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ އެ ގައުމުގެ މަސައްކަތްތެރިން މަރުވާ ނިސްބަތް އިތުރުވަމުންދާތީ، މި މައްސަލަ ދިރާސާކުރުމުގެ މުހިންމުކަން ބަންގްލަދޭޝް ހައިކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
މި ބައްދަލުވުމުގައި ޕްރޮފެސަރު ޑރ. ސިއްދީގީ ވަނީ ފަންނީ ލަފައާއި އިރުޝާދު ދެއްވާފައެވެ. އަދި ދެ ގައުމުގެ ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި އިދާރާތައް މެދުވެރިކޮށް ފުރިހަމަ މައުލޫމާތާއި އިރުޝާދު ލިބުމުން، މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބީއެމްޔޫ އޮތީ ތައްޔާރަށް ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މީގެއިތުރުން، މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ދިވެހި ޑޮކްޓަރުންނަށް ބީއެމްޔޫ މެދުވެރިކޮށް މަތީ ތައުލީމާއި ޕްރޮފެޝަނަލް މެޑިކަލް ތަމްރީނު ދިނުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ. އަދި އިންޑިއާ އާއި ޗައިނާއާ އެކު ވެފައިވާ އެއްބަސްވުންތަކެކޭ އެއްފަދައިން، ރާއްޖެއާއެކު ވެސް ރަސްމީ ފަހުމުނާމާއެއް (އެމްއޯޔޫ) އެކުލަވާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޕްރޮފެސަރު އެފްއެމް ސިއްދީގީ ވިދާޅުވިއެވެ.
ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުން ރާއްޖޭގައި އެކި ސިނާއަތްތަކުގައި މަސައްކަތްކުރެއެެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަންފަދަ ހެވީ ލޭބާ ހިމެނޭ ގިނަ މަސައްކަތްތަކެއްގައި ބަންގްލަދޭޝް ރައްޔިތުން މަސައްކަތްކުރެއެވެ. އެ ފަދަ މަސައްކަތްތަކުގެ ތެރެއިން ވެސް ފުރާނައަށް ނުރައްކާވާ ފަދަ ހާދިސާތަކާ ކުރިމަތިވާއިރު، ދިރިއުޅޭ ތަންތަނުގައި ހިނގާ ހާދިސާތަކުގެ ސަބަބުން ވެސް މީގެ ކުރިން ބަންގްލަދޭޝް މީހުން ރާއްޖޭގައި މަރުވެފައި އެބަހުއްޓެވެ.
