އެޕަލް ކުންފުނީގެ ފުރަތަމަ ޓަޗްސްކްރީން މެކްބުކް ތަޢާރަފުކުރާ 'ޕްރޯ އެންޑް ޓެލް' ޚާއްޞަ އިވެންޓް އަންނަ ހަފުތާގައި އެމެރިކާގެ ލޮސް އެންޖެލިސްގައި ބޭއްވުމަށް ރަސްމީކޮށް އިޢުލާންކޮށްފިއެވެ. މިއީ ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި އެޕަލްއިން ބާއްވާ ތިންވަނަ ޚާއްޞަ އިވެންޓެވެ.
މި އިވެންޓް ބާއްވާކަން އެޕަލްގެ ސީނިއާ ވައިސް ޕްރެސިޑެންޓް އޮފު ވާލްޑްވައިޑް މާކެޓިން ގްރެގް ޖޮސްވިއަކް ވަނީ އެކްސް މެދުވެރިކޮށް ކަށަވަރުކޮށްދެއްވާފައެވެ. އިވެންޓުގެ އިޝްތިހާރުގައި ފެންނަ އެޕަލްގެ ލޯގޯ ކުރަހައިދެނީ އިނގިލިން އެސްކްރީނުގައި ބީހިލައިގެން ކަމަށްވާތީ، މިއީ ޓަޗްސްކްރީން އެކުލެވޭ އުފެއްދުމެއް ތަޢާރަފުކުރާނެ ކަމުގެ އިޝާރާތެއް ކަމަށް ޓެކްނޮލޮޖީ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މީޑިއާތަކަށް ފޮނުވާފައިވާ ދަޢުވަތު ކާޑުތަކުން ކަށަވަރުވާ ގޮތުގައި މި އިވެންޓް ފެށުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ޕެސިފިކް ގަޑިން ހެނދުނު 10:00 ގައެވެ. މި ޙަރަކާތުގައި އެޕަލްގެ ޓަޗް ސްކްރީން މެކްގެ އިތުރުން އެންމެ ފަހުގެ ގިނަ އުފެއްދުންތަކެއް ދައްކާލުމަށް ވަނީ ރޭވިފައެވެ.
https://x.com/gregjoz/status/2112212372182249831
ޚަބަރުތައް ބުނާ ގޮތުގައި މި އިވެންޓުގައި އެޕަލްއިން އެންމެ ފުރަތަމަ ޓަޗްސްކްރީން ހިމެނޭ މެކްބުކް މޮޑެލް ތަޢާރަފުކުރާއިރު، މި ލެޕްޓޮޕްގައި އޯއެލްއީޑީ ޑިސްޕްލޭއެއް ހިމެނޭނެ ކަމަށް ބެލެވެއެވެ. މީގެއިތުރުން އެމް6 ޕްރޮސެސަރާއެކު އައު މެކްބުކް ޕްރޯ އަދި އައިމެކް މޮޑެލްތައްވެސް އިޢުލާންކުރާނެ ކަމަށް ލަފާކުރެވެއެވެ.
މީގެ އިތުރުން އެޕަލްއިން އައިޕެޑް މިނީގެ އައު މޮޑެލްއެއްވެސް މި އިވެންޓުގައި ތަޢާރަފުކުރާނެ ކަމަށް ބެލެވެއެވެ. މި އައިޕެޑް މިނީއަށްވެސް އޯއެލްއީޑީ ޑިސްޕްލޭގެ އަޕްގްރޭޑް ލިބިގެންދާނެ ކަމަށް ޚަބަރުތައް ބުނެއެވެ.
މި އިވެންޓުގައި ތަޢާރަފުކުރާ އުފެއްދުންތައް ބާޒާރަށް ނެރޭނެ ކަމަށް ބެލެވެނީ އަންނަ މަހުގެ ހަ ވަނަ ދުވަހުއެވެ.
މިއީ ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި އެޕަލްއިން ބާއްވާ ތިންވަނަ ޚާއްޞަ އިވެންޓަށްވާއިރު، މީގެކުރިން އެޕަލްއިން ބޭއްވި 'ސަޕްރައިޒް އެންޑް ޝައިން' އިވެންޓުގައި އައިފޯން ޑުއޯ އާއި އައިފޯން 18 ޕްރޯ ސީރީޒް ވަނީ ތަޢާރަފުކޮށްފައެވެ. އޭގެ ފަހުން ބޭއްވި 'ވެލްކަމް ހޯމް' އިވެންޓުގައި ވަނީ ހޯމްވިއު އާއި ހޯމްޕޮޑް މިނީ ބާޒާރަށް ނެރެފައެވެ.
ފާއިތުވި ދެ އިވެންޓެކޭ އެއްގޮތަށް، އަންނަ ހަފުތާގެ 'ޕްރޯ އެންޑް ޓެލް' އިވެންޓާއެކުވެސް އެޕަލްއިން އައު ޕްރޮޑަކްޓް ކެޓަގަރީއަކަށް ވަދެގެންދާނެ ކަމަށް ބެލެވެއެވެ.
