މާލޭން ހުޅުމާލެއަށް ހަލުވި ދުވެލީގައި ދުއްވައިފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ސިނަމާލެ ބްރިޖު ހައިވޭގައި ޕެޓްރޯލްކުރަމުން ދިޔަ ފުލުހެއްގެ ގައިގައި ޖެހި ހިނގި ހާދިސާގައި ހައްޔަރުކުރި އެންމެން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ހާމަވެއްޖެއެވެ.
ރޭ ފަތިހު 4:30 ވަނިކޮށް ހިނގި މި ހާދިސާގައި ހައިވޭގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ޖެހި ފުލުހަށް ސީރިއަސް އަނިޔާތަކެއް ލިބުނުއިރު، ސައިކަލު ދުއްވި މީހާއަށް ސީރިއަސް އަނިޔާއެއް ނުވެއެވެ. ފުލުހުގެ ގައިގައި ޖެހުނު ސައިކަލު ހުއްޓުވައި، އެ ސައިކަލުގައި ތިބި މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުންގެ ކޮމިޝަނަރު އަޙްމަދު މުޙައްމަދު ނެރުއްވި ބަޔާނެއްގައިވަނީ އެ މައްސަލައިގައި ޝާމިލުވާ އިތުރު ދެ މީހަކާއި ސައިކަލެއް ހޯދައި، އެ ދެ މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުތަކުގައިވާ ގޮތުން ފުލުހުގެ ގައިގައި ޖެހުނު ސައިކަލު ދުއްވި މީހާއާއި އެ ސައިކަލުގެ ފަހަތުގައި އިން މީހާ މަސްތުވާތަކެއްޗަށް ޕޮޒިޓިވެވެ.
ދެން ހައްޔަރުކުރި ދެ މީހުންގެ ކޯޓު އަމުރުތަކުގައިވަނީ، އެ ދެ މީހުން އެ ހާދިސާއާ ގުޅިގެން އަނިޔާ ލިބުނު މީހަކު އޭޑީކޭ ހޮސްޕިޓަލުގައި އޮތް ކަމަށް ބުުނެ، އެ ތަނުގައި އަޑުގަދަކޮށް، އެ ތަނުގެ މުވައްޒަފުންނާއި ފުލުހުންނާ ހަޑިހުތުރު ބަހުން މުއާމަލާތުކޮށް ފުލުހުންގެ ވާޖިބު އަދާކުރަން ހުރަސް އަޅައިފައިވާ ކަމަށް މައްސަލަ ބައްލަވާ އޮފިސަރު ކޯޓުގައި ފާހަގަކުރެއްވި ކަމަށެވެ.
އެ ދެ މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ކޯޓު އަމުރުގައިވެއެވެ.
ކްރިމިނަލް ކޯޓުން ވަނީ އެ ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ. ކޯޓު އަމުރުގައިވަނީ އެ އެންމެން ވެސް ކުރު މުއްދަތަކަށް ބަންދުކުރީ ވަކީލެއްގެ ފުރުސަތަކަށް އެދިފައިވާތީ ކަމަށެވެ.
ފުލުހުންގެ ކޮމިޝަނަރު ނެރުއްވި ބަޔާނުގައި އިތުރަށް ވަނީ، އަނިޔާވި ފުލުހުގެ ގައިގައި ސައިކަލުން ޖެއްސީ ބަޔަކު ގަސްތުގައި ކަމަށް ބެލެވޭ ކަމަށާއި އެކަމުގެ މަގުސަދަކީ ނުރައްކާތެރި ދުއްވާ މީހުންނާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަނަށް ހުރަސްއެޅުން ކަމަށެވެ.
މި ހާދިސާގައި އަނިޔާވި ފުލުހުގެ އަނގަމަތި ފަޅައިގެންގޮސް، ދަތް ބިނދި، ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން ކޮމިޝަނަރުގެ ބަޔާނުގައި ފާހަގަކުރައްވައިފައިވެއެވެ.
މި ހާދިސާގައި އަނިޔާވި ފުލުސް އޮފިސަރުގެ ހާލު، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވަނީ ބައްލަވައިލައްވައިފައެވެ.
