މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ މެންދަމު ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވެ ހާލު ސީރިއަސްވި ދެ މީހުންގެ ތެރެއިން އެކަކު ވެންޓިލޭޓަރުން ނަގައިފިއެވެ.
މި މަހުގެ ހަތްވަނަ ދުވަހުގެ މެންދަމު ގާތްގަނޑަކަށް ތިނެއް ޖަހަނިކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެކްސިޑެންޓު ހިނގަން މެދުވެރިވީ ތިން މީހުން އަރުވައިގެން ދުއްވި ސައިކަލެއް، ދެ މީހުންނާއެކު ދުއްވައިފައި ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ.
އެ އެކްސިޑެންޓުގައި ދެ ސައިކަލުގައި ތިބި މީހުންނަށް ވެސް އެކިވަރުގެ އަނިޔާތަށް ލިބުނެވެ.
އެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކުރިއެވެ. އޭގެ ތެރެއިން ދެ މީހަކަށް ވޯޑުގައި އަދިވެސް ފަރުވާދެމުން ދާއިރު، އެކަކަށް ވޯޑުގައި ފަރުވާދީ ވަނީ ދޫކޮށްލައިފައެވެ.
'ސަން'އަށް މައުލޫމާތުދެމުން އައިޖީއެމްއެޗުން މިއަދު ބުނީ ވެންޓިލޭޓަރުގައި ފަރުވާދެމުން ދިޔަ ދެ މީހުންގެ ތެރެއިން އެކަކު ވެންޓިލޭޓަރުން ނަގައި ހައި ޑިޕެންޑެންސީ ޔުނިޓު (އެޗްޑީޔޫ)އަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެ ހޮސްޕިޓަލުން އިތުރަށް ބުނީ ދެވަނަ މީހާއަށް އަދިވެސް ވެންޓިލޭޓަރުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
އައިސީޔޫން އެޗްޑީޔޫއަށް ބަދަލުކުރަނީ ހާލު ސްޓޭބަލްވާ، ނުވަތަ ހާލު ރަނގަޅުވަމުން އަންނަ މީހުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެކްސިޑެންޓުވި އެއް ސައިކަލު ތިން މީހުން އަރުވައިގެން ދުއްވާފައިވަނީ ވަން ވޭ އާ އިދިކޮޅަށް ކަމަށްވާއިރު، އެ ސައިކަލު ދުއްވަން އިނީ އެ ކެޓެގަރީގެ ސައިކަލު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫންކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އެ އެކްސިޑެންޓާ ގުޅިގެން އުމުރުން 27 އަހަރުގެ މުހައްމަދު ސައިފް ހައްޔަރުކޮށް ހަތް ދުވަހަށް ވަނީ ބަންދުކޮށްފައެވެ.
ހަމަ އެ އެކްސިޑެންޓުގައި ގަވައިދާ ޚިލާފަށް ދުއްވި ސައިކަލުގެ ކުރީގައި އިނީ، ދާދި ފަހުން ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖެހި ނަމަވެސް، މުއްދަތު ހަމަނުވަނީސް ދޫކޮށްލި އަޙްމަދު އުވައިސެވެ. ފުލުހުން ބުނީ އުވައިސް ދޫކޮށްލީ މައްސަލައިގެ ތަހުގީގު ނިމުމުން ކަމަށެވެ.
