މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ކުރިމަތިލި މީހުންގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ތިން ނަމުގެ ތެރެއިން، ދެ މީހެއްގެ ނަން އިގުތިސާދީ ކޮމިޓީން ތަޅުމަށް މިއަދު ފޮނުވައިފިއެވެ.
މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ތިން މީހެއްގެ ނަން ރައީސް މަޖިލީހަށް ފޮނުއްވީ މި މަހުގެ ފަސް ވަނަ ދުވަހެވެ. އެއީ:
- އަހްމަދު ޝަފްނީޒް، ބަގީޗާގެ / ސ. ހުޅުދޫ
- އަހްމަދު މައުސޫމް، ވ. މިޔަރެސް
- މަރިޔަމް ޖައިދާ، ކަނދުގަސްދޮށުގެ / ކ. ދިއްފުށި
ރައީސް ފޮނުއްވި ނަންތަކުގެ ތެރެއިން ގާނޫނީ ގޮތުންނާއި އުސޫލުގެ ތެރެއިން ޝަރުތު ހަމަވެފައިވަނީ ޝަފްނީޒާއި މައުސޫމެވެ. އޭގެ ތެރެއިން ޝަފްނީޒް މިހާރު ހުންނެވީ މީރާގެ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޑިރެކްޓާ ޖެނެރަލްގެ މަގާމުގައެވެ.
މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޝަރުތު ހަމަވި ދެ ބޭފުޅުންނާ ވަނީ އިންޓަވިއު ކޮށްފައެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ އާންމު އުސޫލު ހަމަޖެހިފައިވާ ގޮތުން، މިނިވަން މުއައްސަސާތަކާއި މުހިންމު މަގާމުތަކަށް އައްޔަނުކުރަން ފޮނުވާ ނަންތައް ދިރާސާކުރާއިރު، މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމަށް ޝަރުތު ހަމަވަނީ އިންޓަވިއު މަރުހަލާގައި 75 މާކްސް ނުވަތަ އެއަށްވުރެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ. އެގޮތުން އިންޓަވިއު ކުރި ދެ ބޭފުޅުންނަށް ވެސް ވަނީ 75 މާކްސްއަށް ވުރެ މަތިން ލިބިފައެވެ.
ކޮމިޓީގެ އިންޓަވިއުއިން 75 އިންސައްތައަށް ވުރެ މަތިން މާކްސް ލިބުނު ދެ ބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. އެ ހުށަހެޅުއްވުމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ތާއީދުކުރެއްވިއިރު، މި ހުށަހެޅުން ފާސްވީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީން މި މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށްފަހު، އެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށްޓަކައި މެންބަރުންގެ މެދުގައި ވޯޓަށް އެހުން ކުރިއަށްދާނެއެވެ. އަދި މަޖިލީހުގެ ތަޅުމުން ފާސްވާ ބޭފުޅަކު އެ މަގާމަށް އައްޔަނުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވެފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި ފާތިމަތު އަމީޒާ، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޢައްޔަންކުރެއްވުމާ ގުޅިގެންނެވެ.
