ބޮލީވުޑްގެ ޒުވާން ބަތަލާ ޚުޝީ ކަޕޫރު ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ.
އިންޑިއާގެ އެންމެ މަޝްހޫރު ފިލްމީ އެއް ފިލްމީ އާއިލާއަށް ނިސްބަތްވާ ބަތަލާ ރާއްޖެ އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ޚުޝީ ވަނީ އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓު ކަމަށްވާ ޖޭޑަބްލިއު މެރިއަޓް ކާފު އަތޮޅު އައިލެންޑް ރިސޯޓުގައި ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އޭގެތެރޭގައި އިރުއޮއްސެމުންދިޔަ ހިތްގައިމު މަންޒަރުތަކުގެ ފޮޓޯތައް ވެސް ހިމެނެއެވެ.
ޚުޝީގެ މި ދަތުރަކީ، ޖޭޑަބްލިއު މެރިއަޓް ކާފު އަތޮޅު ރިސޯޓާއެކު ކުރިއަށްގެންދިޔަ ޕްރޮމޯޝަނަލް ޕާޓްނާޝިޕެއްގެ ދަށުން އޭނާ އެ ރިސޯޓަށްކުރި ޚާއްސަ ދަތުރެކެވެ. މި ދަތުރުގައި ޚުޝީއާ އެކު ދެން ބައިވެރިވީ ކޮން ބައެއްކަން އޭނާ ހާމަކޮށްފައެއް ނުވެއެވެ.
ޚުޝީ އެންމެފަހުން ރާއްޖެ އައިސްފައި ވަނީ މީގެ ދެ އަހަރު ކުރިން ކުރީގެ ލޯބިވެރިޔާ، އެކްޓަރު ވެދާންގް ރައިނާއާ އެކުއެވެ. އެ ދަތުރުގައި ޚުޝީއާ އެކު އޭނާގެ ދައްތަ، ފިލްމީ ތަރި ޖާންވީ ކަޕޫރާއި އަދި ޖާންވީގެ ލޯބިވެރިޔާ ވެސް ބައިވެރިވިއެވެ.
ޚުޝީ، ބަތަލާގެ ދައްތަ އަދި ފިލްމީ ތަރި ޖާންވީ ކަޕޫރާ އެކު-- ފޮޓޯ/ ވޯގްއިންޑިއާ
އިންޑިއާގެ ސިނަމާގެ އެންމެ މަގުބޫލު އަންހެން ސުޕަ ސްޓާ ކަމަށްވާ ސްރީދޭވީ އާއި މަޝްހޫރު ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ހަގު އަންހެން ދަރިފުޅު ޚުޝީ، ފިލްމީ ދާއިރާއަށް ތައާރަފްވީ 2023 ވަނަ އަހަރު ނެޓްފްލިކްސްއިން ގެނެސްދިން ޒޯޔާ އަޚްތަރުގެ "ދަ އާޗީސް"އިންނެވެ. އޭގެ ފަހުން އޭނާ ވަނީ "ލަވްޔާޕާ" އަދި "ނާދާނިޔާން" ފަދަ ލޯބީގެ މަޖާ ފިލްމުތަކުން ފެނިގެން ގޮސްފައެވެ.
އޭނާގެ ކުރިއަށް އޮތް ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި، މަންމަ ސްރީދޭވީގެ ކާމިޔާބު ފިލްމު "މޮމް"ގެ ދެވަނަ ބައި ކަމަށްވާ "މޮމް 2" ހިމެނެއެވެ. ސްޓާރުންގެ އާއިލާއަކުން ފެށިގެން އައި ނަމަވެސް، އަމިއްލަ ހުނަރާއި ހިތްގައިމު މިޒާޖުން ބެލުންތެރިންގެ ހިތްތައް ފަތަހަކުރަމުން އަންނަ ޚުޝީ މިހާރު ފާހަގަކުރެވެނީ ބޮލީވުޑްގެ އެންމެ އުއްމީދީ އެއް ޒުވާން ބަތަލާގެ ގޮތުގައެވެ.
