ފަތުރުވެރިން އަންނަ މިންވަރު މަދުވެ މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ)ގެ އާމްދަނީން 126 މިލިއަން ރުފިޔާ ދަށްވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި ޓީޖީއެސްޓީއަށް މިހާތަނަށް 8.09 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ ހަފުތާއާ އަޅާ ބަލާއިރު 0.03ގެ ކުރިއެރުމެކެވެ. މިދިޔަ ހަފްތާގެ ބުދަ ދުވަހު އެ މިނިސްޓްރީން ނެރުނު ރިޕޯޓުގައި އެހާތަނަށް ޓީޖީއެސްޓީގެ ގޮތުގައި 8.06 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ހަފުތާގެ ނިސްބަތުން ބަލާއިރު ކުރިއެރުމެއް އައި ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި 8.21 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 126 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
ދައުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ޓީޖީއެސްޓީ ދަށްވެފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު ޓީޖީއެސްޓީ ރޭޓު 16 އިންސައްތައިން 17 އިންސައްތައަށް ބޮޑުކޮށްފައިވާއިރު، 2024 ޑިސެމްބަރު 1 އިން ފެށިގެން އެއާޕޯޓް ޑިވެލޮޕްމެންޓް ފީއާއި ޑިޕާޗާ ޓެކްސްވެސް ވަނީ މަތިކޮށްފައެވެ.
މީގެއިތުރުން، އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން މި މަހުން ފެށިގެން ޓެކްސް ނެގުމަށް ނިންމި ނަމަވެސް، އެ ބަދަލާ މެދު ދިވެހި އަދި ބޭރުގެ ކުންފުނިތަކުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން، އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން އިސްލާހުތަކެއް ގެންނާނެކަމުގެ އިޝާރާތެއް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވަނީ ދެއްވާފައެވެ.
އެހެން ނަމަވެސް ސަރުކާރުން އާމްދަނީ އިތުރުކުރަން އަޅާފައިވާ ފިޔަވަޅުތަކާއެކު ވެސް ޓީޖީއެސްޓީ ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައެވެ. މިދިޔަ ފެބުރުވަރީ މަހުގެ 28 ގައި ފެށުނު ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރަން އޮތް ގިނަ ފްލައިޓުތަކެއް ކެންސަލްވެ، ފަތުރުވެރިން އަންނަ މިންވަރު އަދިވެސް އުޅެނީ މިދިޔަ އަހަރަށްވުރެ 3.5 އިންސައްތަ ދަށްކޮށެވެ. ނަމަވެސް، ކުރިއަށް އޮތް ޕީކް ސީޒަނާއެކު އަހަރުގެ ފަހުކޮޅު ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރެއެވެ.
