ހޮލީވުޑްގެ އެންމެ ވިދުންގަދަ އެއް ތަރި ކަމަށްވާ ޒެންޑާޔާ، ކުޅަދާނަ ޑައިރެކްޓަރު އެލެކްސް ގާލެންޑްގެ ކުރިއަށް އޮތް ސައިންސް ފިކްޝަން ފިލްމުގެ މައިގަނޑު ރޯލަށް ހަމަޖައްސައިފިއެވެ.
މި މަޝްރޫއާއެކު ގާލެންޑް އަނެއްކާވެސް އޭނާ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ސައިންސް-ފިކްޝަން ދާއިރާއަށް އެނބުރި އަންނައިރު، މިއީ މަޝްހޫރު ފިލްމު ކުންފުނި އޭ24 އާއި ޒެންޑާޔާ ގުޅިގެން ކުރިއަށްގެންދާ އިތުރު މުހިންމު މަސައްކަތެއް ވެސް މެއެވެ.
"އެކްސް މެކީނާ" އާއި "އެނައިލޭޝަން" ފަދަ ތަފާތު އަދި ފުން ސައިންސް ފިކްޝަން ފިލްމުތަކުން ބެލުންތެރިން ހައިރާންކޮށްލި ގާލެންޑް، އަދި ނަން ހާމަނުކުރާ މި ފިލްމުގެ ވާހަކަ ލިޔެ ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ ސީދާ އޭނާގެ އަމިއްލަ ބެލުމުގެ ދަށުންނެވެ. އެޗްބީއޯގެ މަގުބޫލު ސީރީޒް "ޔުފޯރިއާ" އަދި ފަހުގެ ކާމިޔާބު ފިލްމު "ދަ ޑްރާމާ" އަށްފަހު ޒެންޑާޔާ އޭ24 އާއެކު މިފަދަ މަޝްރޫއަކަށް ނުކުންނައިރު، މިއީ ގާލެންޑާ ވެސް އެ ސްޓޫޑިއޯއިން ބަދަހި ގުޅުމެއް ދަމަހައްޓަމުން އަންނަ ދަނޑިވަޅެކެވެ. މީގެ ކުރިން ވެސް އޭ24އިން ވަނީ ގާލެންޑްގެ "ސިވިލް ވޯ"، "މެން" އަދި "ވޯފެއާ" ފަދަ ފާހަގަކޮށްލެވޭ ފިލްމުތައް އުފައްދައި، ސިނަމާތަކަށް ގެނެސްދީފައެވެ.
ޒެންޑާޔާ، ފިލްމު "ސްޕައިޑާ-މޭން: ބްރޭންޑް ނިއު ޑޭ"ގެ މަންޒަރެއްގައި-- ފޮޓޯ/ ދަ ހޮލީވުޑް ރިޕޯޓަ
ފިލްމީ ޚަބަރުތައް ގެނެސްދޭ މަޝްހޫރު ނޫސް ވެރައިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތްތައް ފެށުމަށް ތާވަލުކޮށްފައިވަނީ 2027 ވަނަ އަހަރުގެ ތެރޭގައެވެ. ފިލްމުގެ ވާހަކައިގެ މައިގަނޑު ތަފުސީލުތަކާއި އިތުރު ތަރިންގެ މައުލޫމާތު މިހާތަނަށް ސިއްރުކޮށްފައިވާއިރު، ގާލެންޑް މިހާރު ވެސް އަންނަނީ އޭ24އިން އުފައްދާ ބޮޑު ބަޖެޓުގެ އެހެން މަޝްރޫއެއް ނިންމުމަށް ތައްޔާރުވަމުންނެވެ. އެއީ މަޝްހޫރު ވީޑިއޯ ގޭމް "އެލްޑެން ރިންގް"އަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ކިޓް ކޮނާ، ކެއިލީ ސްޕެނީ، ބެން ވިޝޯ، ނިކް އޮފާމަން އަދި ޓޮމް ބާކް ފަދަ މޮޅު ކާސްޓެއް ފެނިގެންދާ އެ ފިލްމުގެ ޝޫޓިން މިހާރު އެއްކޮށް ނިމިފައިވާއިރު، ފިލްމު ސިނަމާތަކަށް ދޫކޮށްލުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރުގެ މާޗް މަހުގައެވެ.
ފާއިތުވި ދުވަސްތަކަކީ ޒެންޑާޔާގެ ފިލްމީ ހަޔާތުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ދުވަސްވަރެކެވެ. އެގޮތުން ކްރިސްޓޮފާ ނޯލަންގެ ތާރީޚީ އެޕިކް "ދަ އޮޑިސީ"ގެ އިތުރުން "ސްޕައިޑާ-މޭން: ބްރޭންޑް ނިއު ޑޭ"ގައި އޭނާ ކުޅުނު ރޯލްތަކަށް ބެލުންތެރިންގެ ހޫނު ތަރުހީބެއް ވަނީ ލިބިފައެވެ. މި ބޮޑެތި ފިލްމުތަކަށްފަހު، ދެން އެންމެ އަވަހަށް ޒެންޑާޔާ ބެލުންތެރިންނާ ބައްދަލުކުރާނީ ޑެނިސް ވިލެނޫވްގެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމު "ޑިއުން: ޕާޓް ތްރީ"އިންނެވެ. އެ ފިލްމު ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
