އިންޑިއާގެ ވެރިރަށް ދިއްލީގައި މުޒާހަރާ ކުރުން މަނާކޮށްފައިވާ ސަރަހައްދަކަށް ވަދެގެން ހައްޔަރުކުރި ޒުވާނުން އިސްވެ ހިންގާ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ އިސް ދެ ލީޑަރުން، ހަފްތާއެއްހާ ދުވަހު ޖަލުގައި ބޭތިއްބުމަށްފަހު ދޫކޮށްލައިފިއެވެ.
ބީބީސީގައިވާ ގޮތުގައި، ސޯރަވް ދާސް އަދި އަޝުތޯޝް ރަންކާ ތިހާރު ޖަލުން މިނިވަންވީ މެޖިސްޓްރޭޓަކު އެ ދެމީހުން ދޫކޮށްލުމަށް އަމުރުކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. މި ދެ ޒުވާނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޖަލަށްލީ، ދާދިފަހުން މުޒާހަރާކުރުން މަނާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅި ޖަންތަރު މަންތަރުގެ ބެރިކޭޑުތައް ފަޅާލައި، ތަޅުއަޅުވާފައި ހުރި ގޭޓުމަތިން އަރައި އެތެރެއަށް ވަނުމާ ގުޅިގެންނެވެ.
ގާނޫނާ ޚިލާފު އެއްވެސް އަމަލެއް ނުކުރާ ކަމަށް ބުނާ މި ދެ ޒުވާނުން ގޮވާލަމުން ދިޔައީ އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރު (ސީއީސީ) މަގާމުން އިސްތިއުފާ ދެއްވުމަށެވެ. އެ މީހުން ތުހުމަތުކުރާ ގޮތުގައި، ވެރިކަންކުރާ ބީޖޭޕީއަށް ފައިދާވާ ގޮތަށް ވޯޓުލާ މީހުންގެ ލިސްޓަށް ބަދަލުތައް ގެންނަމުންދެއެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުންނާއި ވެރިކަންކުރާ ޕާޓީން މި ތުހުމަތުތައް ދޮގުކުރެއެވެ.
ދިއްލީގެ ޚާއްސަ އެގްޒެކެޓިވް މެޖިސްޓްރޭޓް ކޯޓުން މި ދެމީހުން ދޫކޮށްލުމަށް އަމުރު ނެރުނުއިރު، ކަފާލާތުގެ ދަށުން މިނިވަންވުމަށްފަހު ފުލުހުންގެ ވޭނުގައި އިނދެ ދާސް ނޫސްވެރިންނަށް ބުނީ، "އަބަދުވެސް ކާމިޔާބުވާނީ ހަގީގަތް. އިންގިލާބަށް ދިގު އުމުރެއް!" މިފަދައިންނެވެ.
ސީޖޭޕީއަކީ ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީއެއް ނޫނެވެ. މިއީ ވަޒީފާއެއް ނެތް ޒުވާނުންނަކީ "ކުރަފިތަކެއް" (ކޮކްރޯޗް) ފަދަ ބައެއް ކަމަށް އިންޑިއާގެ އުއްތަމަ ފަނޑިޔާރު ސިފަކުރެއްވުމާ ގުޅިގެން، އިންޓަނެޓުގައި ޖެހި ޖޯކަކުން ފެށިގެން އައި ހަރަކާތެކެވެ. އިމްތިހާނު ކަރުދާސްތަކެއް ލީކުވި މައްސަލައިގައި އެތައް ހާސް ޒުވާނުން މަގުތަކަށް ނެރުނު މި ހަރަކާތް، ޖުލައި މަހުގެ ތެރޭގައި ޕާލިމަންޓާ ދިމާލަށް ކުރި މުޒާހަރާއާއެކު ބޮޑު ބާރަކަށް ވިއެވެ. އެ މުޒާހަރާތަކުގެ ސަބަބުން ސަރުކާރަށް ކުރިމަތިވި ޕްރެޝަރުގައި އެ ގައުމުގެ އެޑިޔުކޭޝަން މިނިސްޓަރު ވަނީ އިސްތިއުފާ ވެސް ދެއްވާފައެވެ.
މި ހަރަކާތުން މިހާރު އިސްކަންދެނީ އިންޑިއާގެ އިންތިޚާބީ ނިޒާމަށެވެ. އެގޮތުން، ސްޕެޝަލް އިންޓެންސިވް ރިވިޝަން (އެސްއައިއާރު) ގެ ދަށުން ވޯޓުލާ މީހުންގެ ލިސްޓުން 130 މިލިއަނަށް ވުރެ ގިނަ ނަން އުނިކޮށްފައިވާތީ، ހައްގުވާ ފަރާތްތަކަށް ވޯޓުލުމުގެ ހައްގު ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް މި ޒުވާނުން ދަނީ ސަރުކާރާ ދެކޮޅަށް ވަރުގަދައަށް އަޑުއުފުލަމުންނެވެ.
