އިންޑިއާގެ މަޝްހޫރު ގްރޫޕް ޓްރެވަލް އިންތިޒާމުކުރާ ކުންފުންޏެއް ކަމަށްވާ "ދަ ޓޫރިސްޓް 360" އިން، ތަމަޅަ ސިނަމާ އަދި ޓީވީ ތަރި އަނީތާ ސަމްޕަތާއެކު ކުރިއަށްގެންދިޔަ "ޓްރެވަލް ވިތު އަނީތާ ސަމްޕަތު" ގެ ހަތަރުވަނަ ދަތުރު ކާމިޔާބުކަމާއެކު ރާއްޖޭގައި ނިންމާލައިފިއެވެ.
މި ދަތުރުގައި އިންޑިއާގެ ޓެމިލް ނާޑޫ، ޕުޑުޗެރީ އަދި ކަރްނާޓަކާއަށް ނިސްބަތްވާ 28 ފަތުރުވެރިން ވަނީ ބައިވެރިވެ، މި އޮކްޓޫބަރު މަހުގެ 15 އިން 18 އަށް ރާއްޖޭގައި ހަތަރު ދުވަހުގެ ޗުއްޓީއެއް ހޭދަކޮށްފައެވެ. މަޝްހޫރު ނޫސް "ދަ ޕްރިންޓް" ގައި ރިޕޯޓުކޮށްފައިވާ ގޮތުން، މިއީ މަގުބޫލު ފަންނާނުންނާއެކު ގައުމުން ބޭރުގައި ގްރޫޕް ހަދައިގެން ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު އާންމުންނަށް ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ފަހަރުގެ ދަތުރުގެ ބައިވެރިން ތިބީ ކ. މާފުށީގެ ހޮޓެލެއްގައެވެ. ތިން ރެޔާއި ހަތަރު ދުވަހުގެ މި ދަތުރުގައި ފަތުރުވެރިން ވަނީ މާފުށި ބަލާލުމުގެ އިތުރުން 'ޝާކް ބޭ'އަށް ގޮސް މިޔަރާއެކު ފަތާލުމާއި، އިރުއޮއްސޭ ވަގުތު ނައިޓް ފިޝިންއަށް ދިއުމާއި ބާބެކިއު ރޭގަނޑުގެ ކެއުން ފަދަ ހިތްގައިމު ގިނަ ހަރަކާތްތަކެއް ތަޖުރިބާކޮށްފައެވެ. ފްލައިޓް ޓިކެޓް ނުހިމަނައި ބޮލަކަށް 34،500 ރުޕީސްގެ އަގަކަށް ދޫކުރި މި ޕެކޭޖުގައި ކެއުމާއި ދަތުރުފަތުރު އަދި ހުރިހާ ހަރަކާތްތަކެއް ހިމަނާފައިވެއެވެ.
މި ދަތުރުގައި ޑިޖިޓަލް ކޮންޓެންޓް އުފައްދާ ފަރާތްތައް ކަމަށްވާ "ވިލެޖް ޑޭޓާބޭސް" އަދި ޕުޑުޗެރީގެ މަޝްހޫރު ސޯޝަލް މީޑިއާ އިންފްލުއެންސަރު ސުޖީ ވެންކަޓޭސަން ވެސް ބައިވެރިވެ، ރާއްޖޭގެ ރީތިކަމާއި ތަޖުރިބާތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ ބަޔަކަށް ވަނީ ގެނެސްދީފައެވެ.
"ޓްރެވަލް ވިތު އަނީތާ ސަމްޕަތު" ގެ ފުރަތަމަ ދަތުރު 30 އަންހެން ބައިވެރިންނާއެކު ބާއްވާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އޭގެ ފަހުން 2024 ވަނަ އަހަރު 38 ބައިވެރިން އަދި މި އަހަރުގެ ކުރީކޮޅު 34 ބައިވެރިންނާއެކު ދަތުރުތައް ބާއްވާފައިވާއިރު، މިހާތަނަށް ޖުމްލަ 130 ފަރާތަކުން ވަނީ މި ސެލެބްރިޓީ ދަތުރުތަކުގައި ބައިވެރިވެ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
"ދަ ޓޫރިސްޓް 360" އިން ބުނެފައިވަނީ، ފަންނާނުންނާއެކު ދަތުރުކޮށް، އެކި މިޒާޖުގެ މީހުންނާ ބައްދަލުވެ، ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބިގެންދާ މިފަދަ ދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ފަތުރުވެރިންނަށް ފަސޭހަކަމާއެކު ބައިވެރިވެވޭނެ މިފަދަ ގިނަ ދަތުރުތަކެއް އިންތިޒާމުކުރަން ރާވަމުން އަންނަ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
