ގައުމީ ބެޑްމިންޓަން ޓީމުގެ ސިލެކްޝަނުގައި ދެއްކި މޮޅު ކުޅުމާއެކު އުމުރުން އެންމެ 13 އަހަރުގެ ލައިބާ އަހުމަދު މަހުލޫފް (އެލީ) އަނެއްކާވެސް ސީނިއާ ގައުމީ ބެޑްމިންޓަން ޓީމުގެ ސްކޮޑުން ޖާގަ ކަށަވަރުކޮށްފިއެވެ.
މި އޮކްޓޫބަރު މަހުގެ 13 އިން 16 އަށް ކުޅިވަރު އެކުވެނީގެ އިންޑޯ ބެޑްމިންޓަން ކޯޓުގައި ކުރިއަށްދިޔަ ސިލެކްޝަނުގައި ދެއްކި މޮޅު ކުޅުމާއެކު ލައިބާ ޖާގަ ހޯދިއިރު، މި ފަހަރުވެސް ގައުމީ ސީނިއާ ސްކޮޑުގައި ހިމެނޭ އެންމެ ހަގު ކުޅުންތެރިއަކީ އޭނާއެވެ.
ލައިބާ އެންމެ ފުރަތަމަ ގައުމީ ސީނިއާ ސްކޮޑުން ޖާގަ ހޯދީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ބޭއްވި ޓްރަޔަލްސްގައި ވާދަކޮށް، އުމުރުން އެންމެ 12 އަހަރުގައެވެ. އެ ފަހަރުގެ ސިލެކްޝަނުން ޖާގަ ހޯދައި، އޭނާ ވެގެންދިޔައީ ރާއްޖޭގެ ބެޑްމިންޓަން ތާރީޚުގައި ސީނިއާ ގައުމީ ޓީމުން ޖާގަ ހޯދި އެންމެ ހަގު ކުޅުންތެރިޔާއަށެވެ.
ލައިބާއަކީ މިވަގުތު ދިވެހިރާއްޖޭގެ އުމުރުފުރާ މުބާރާތްތަކާއި ސީނިއާ ކެޓަގަރީގައިވެސް ފާހަގަކޮށްލެވޭ އެންމެ އުއްމީދީ އެއް ކުޅުންތެރިޔާއެވެ. އެގޮތުން އޭނާއަކީ ރާއްޖޭގެ 15 އަހަރުން ދަށުގެ ސިންގަލްސް އަދި ޑަބަލްސް ރޭންކިންގގެ އެއްވަނަ ކުޅުންތެރިޔާގެ އިތުރުން، 19 އަހަރުން ދަށުގެ މިކްސްޑް ޑަބަލްސް ރޭންކިންގެވެސް އެއްވަނަ ކުޅުންތެރިޔާއެވެ.
މީގެއިތުރުން ސީނިއާ ފުރަތަމަ ޑިވިޝަނުގެ ސިންގަލްސްގައި، ގައުމީ ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ފާޠިމަތު ނަބާހާ ޢަބްދުއްރައްޒާޤު އާއި އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤުގެ ފަހަތުން، ރޭންކިންގގެ ތިންވަނައިގައި އުޅެނީވެސް ލައިބާއެވެ.
ޤައުމީ މުބާރާތްތަކުގެ އިތުރުން، ލައިބާ ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ބައިނަލްއަގްވާމީ މައިދާނުގައިވެސް ރާއްޖެއަށް ތާރީޚީ ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ. އެގޮތުން އަރްމީނިއާގައި ބޭއްވި އަރްމީނިއަން ޔޫތު އޯޕަންއިން ލައިބާ ހޯދި 3 ރަން މެޑަލްއަކީ، ޔޫތު ކެޓަގަރީގެ ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތަކުން ދިވެހިރާއްޖެއަށް ލިބުނު ފުރަތަމަ ރަން މެޑަލްތަކެވެ.
އަދި މޯލްޑޯވާގައި ބޭއްވި 'ވިންޓާ ޗިސިނައު' މުބާރާތާއި، ޖޯޖިއާގެ 'ބަޓޫމީ ކަޕް' ގެ އިތުރުން ލިތުއޭނިއާ އާއި ސްލޮވީނިއާގައި ބޭއްވުނު ބެޑްމިންޓަން ޔޫރަޕް ކަލަންޑަރުގެ މުބާރާތްތަކުގައި ވާދަކޮށް، ރަން، ރިއްސާއި ބްރޮންޒް މެޑަލް ހިމެނޭހެން ގިނަ ކާމިޔާބީތަކެއް އޭނާ ވަނީ ހާސިލްކޮށްފައެވެ.
މިފަހަރުގެ ސިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު ދީފައިވަނީ ސީނިއާ ނެޝަނަލް ރޭންކިންގެ އެންމެ މަތިން ރޭންކުކުރާ 10 ކުޅުންތެރިންގެ އިތުރުން، 15، 17 އަދި 19 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ރޭންކުގެ އެއްވަނައިގައި އުޅޭ ކުޅުންތެރިންނަށެވެ.
ލައިބާގެ އިތުރުން މި ފަހަރުގެ ގައުމީ އަންހެން ސްކޮޑުގައި ހިމެނެނީ ފާޠިމަތު ނަބާހާ، އާމިނަތު ނަބީހާ، ޔަލްވީ ހުސައިން ޒުހުރީ، އާމިނަތު އަމްނާ އަލީ އާމިރު އަދި ޝުބާ މުހައްމަދު ޝަރީފެވެ.
ފިރިހެން ޓީމުގައި ހިމެނެނީ ހުސައިން ޒަޔާން ޝަހީދު ޒަކީ، ނިބާލް އަހުމަދު، މުޙައްމަދު އަޖުފާން ރަޝީދު، ހައިޝަމް އިބްރާހިމް އަލީ، ހަސަން ޒަޔާން މުޙައްމަދު އަދި އައްޔޫބް އަޒްހަރު މުޙައްމަދެވެ.
