މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވާ އެކި ކާރިސާތަކުގެ ނުރައްކަލާއި ބިރުވެރިކަން ރާއްޖެއަށް ބޮޑުވެފައިވާއިރު، މިފަދަ ނާޒުކު ހާލަތްތަކުން އަރައިގަތުމަށް ގައުމީ ފެންވަރުގައި ތައްޔާރުވެ ތިބުމާއި ވިލުންތެރިކަން އިސްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހުގެ މުނާސަބަތުގައި މިއަދު އާންމުކުރި ބަޔާނެއްގައި އެންޑީއެމްއޭއިން ފާހަގަކުރި ގޮތުގައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެ އުފެދިފައިވާ ނާޒުކު ގޮތާއި، ބިން ތިރިވުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން އުދައެރުމާއި ކޮޅިގަނޑުތަކުގެ ނުރައްކާ އަބަދުވެސް އޮވެއެވެ.
އެހެންކަމުން، ތަރައްގީގެ އެކި މަރުހަލާތަކުގައި ބިމުގެ ބޭނުން ހިފުމާއި އުމްރާނީ ވަސީލަތްތައް ގާއިމުކުރުމުގައި ކާރިސާތަކަށް ކެތްކުރެވޭނެ ފަދަ ދެމެހެއްޓެނިވި ޕްލޭންތަކަށް އަމަލުކުރުމާއި އިންވެސްޓްމަންޓްތައް އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
"ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ނާޒުކު ގޮތާއި، ބިމުގެ ސަތަހައިން ބިން ތިރިކޮށް އޮތުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާއި، އުދައެރުމާއި، މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވާ އެކި ކާރިސާތަކުގެ ބިރުވެރިކަން ރާއްޖެއަށް އޮވޭ،" އެންޑީއެމްއޭގެ ބަޔާނުގައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުރާސްތާ ތަޞައްވުރާ އެއްގޮތަށް، ކާރިސާގެ ނުރައްކާ މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ކައުންސިލްތަކާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
އެގޮތުން ހަމައެކަނި ކާރިސާ ދިމާވުމުން އިޖާބަދިނުމުގެ ބަދަލުގައި، ރައްކާތެރިވުމާއި ތައްޔާރުވެފައި އޮތުން ހިމެނޭހެން 'ނެޝަނަލް ޑިޒާސްޓަ ރިސްކް ރިޑަކްޝަން ސްޓްރެޓީޖީ' އާއި 'ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ޕްލޭން' އެކުލަވައިލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މީގެއިތުރުން ކޯވިޑް-19 ފަދަ ކާރިސާތަކުން ލިބުނު ފިލާވަޅުތަކުގެ އަލީގައި 'ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ޕްލޭން' (އެންއީއޯޕީ) ވެސް ވަނީ އެކުލަވާލާފައެވެ.
ކާރިސާ މެނޭޖްކުރުމުގައި އެޅުނު މުހިންމު އެއް ފިޔަވަޅަކީ ރާއްޖޭގައި މިހާތަނަށް ގައުމީ ފެންވަރުގައި ހެދުނު މިފަދަ ފުރަތަމަ ފުރިހަމަ ދިރާސާ ކަމަށްވާ ނެޝަނަލް ރިސްކް ރެޖިސްޓަ އެންޑް އެސެސްމަންޓް 2026 އެކުލަވާލުންކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މި ދިރާސާގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތަކާއި ނާޒުކު ހާލަތްތައް ދެނެގަނެ، ގައުމީ ސިޔާސަތުތައް އެކަށައެޅުމަށާއި ވަސީލަތްތައް ބޭނުންކުރުމުގައި އިސްކަންދޭނެ ދާއިރާތައް ކަނޑައެޅުމަށް މަގުފަހިވެގެންދާނެކަމަށް ބުނެއެވެ.
ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ކުރިއާލާ އިންޒާރު ލިބުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، 'އާލީ ވޯނިންގް ފޯ އޯލް' މަޝްރޫއުގެ ދަށުން 'ނެޝަނަލް އާލީ ވޯނިން ރޯޑްމެޕް އެންޑް އެކްޝަން ޕްލޭން' ވެސް ރާއްޖޭގައި އަންނަނީ ތަންފީޒުކުރަމުންނެވެ.
މި މަސައްކަތްތަކުގެ މައިގަނޑު މަގްސަދަކީ ގައުމީ ފެންވަރުގައާއި ރަށްރަށުގެ ފެންވަރުގައި ހޭލުންތެރިކަން އިތުރުކޮށް، ކުރިމަތިވެދާނެ ކާރިސާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުން ކަމަށް އެންޑީއެމްއޭއިން ފާގަކުރެއެވެ.
