ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ބިނާވަނީ ހަމައެކަނި ތިބޭ ފުލުހުންގެ އަދަދުގެ މައްޗަށް ނޫން ކަމަށާއި، މުހިންމު ކަމަކީ ރައްޔިތުންނާ ގުޅިގެން، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އޯގާތެރިކަމާއި ހިކުމަތްތެރިކަމާއެކު ގާނޫނީ ޒިންމާ އަދާކުރުން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ހދ. ކުމުންދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ފުލުހުންގެ ޚިދުމަތާ ގުޅޭ އޮފިސަރުންގެ އަދަދު އިތުރުވަމުންދާ ވަރަކަށް ކުރިއަށް އޮތް ތަނުގައި ކުމުންދޫގައި މަސައްކަތްކުރާ ފުލުހުންގެ އަދަދުވެސް އިތުރުކުރާނެ ކަމަށެވެ.
މީގެ އިތުރުން ވަކިވަކި އޮޕަރޭޝަންތަކަށް އިސްކަންދޭ ވަގުތުތަކުގައި އެހެނިހެން ޚިދުމަތްތަކަށް ބަދަލެއް އަތުވެދާނެ ކަމަށް އާންމުން ދެކޭ ދެކުމަށް އިޝާރާތްކުރައްވަމުން ސީޕީ ވިދާޅުވީ، އޮޕަރޭޝަނަލް އިސްކަންދިނުންތައް ހުރި ނަމަވެސް ގާނޫނުން މަތިކޮށްފައިވާ އެއްވެސް ޒިންމާއަކަށް ފުލުހުން އިހުމާލު ނުވާނެ ކަމަށެވެ.
"ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ބިނާވަނީ ހަމައެކަނި ތިބޭ ފުލުހުންގެ އަދަދުގެ މައްޗަށް ނޫން. އޭގެ ބަދަލުގައި މުހިންމު ކަމަކީ ރައްޔިތުންނާ ގުޅިގެން، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އޯގާތެރިކަމާއި ހިކުމަތްތެރިކަމާއެކު ޤާނޫނީ ޒިންމާ އަދާކުރުން،" ސީޕީ ވިދާޅުވިއެވެ.
މީގެ އިތުރުން ކުމުންދޫއަކީ އާންމުކޮށް ކުށް މަދު ރަށެއް ނަމަވެސް، ފަރުވާކުޑަނުކޮށް މުޖުތަމައުގެ އަމާންކަން ދެމެހެއްޓުމަށް ކޮންމެ ދުވަހަކު ވެސް ފާރަވެރިކަމާއެކު މަސައްކަތްކުރުމަށް ރަށުގައި ތިބި ފުލުހުންނަށް އިލްތިމާސްކުރެއްވިއެވެ.
މާޒީގައި އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި ކައުންސިލް އިދާރާތަކުންނާއި، ކުލީ ކޮޓަރިތަކުން ޖާގަ ހޯދައިގެން މަސައްކަތްކުރަން ޖެހުމުން ކުރިމަތިވި ދަތިތައް ފާހަގަކުރައްވަމުން، މިއަދު ފެށިގެން މިދިޔައީ ފުލުހުންގެ އަމިއްލަ ދާއިމީ މަރުކަޒުތަކުގައި ރައްޔިތުންނަށް ފުރިހަމައަށް ޚިދުމަތް ދެވޭނެ އައު ބާބެއް ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.
ސީޕީ ވަނީ، ކުމުންދޫ މަރުކަޒުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ނިންމާލެވުނީ އެ ރަށު ކައުންސިލާއި ރައްޔިތުން ދެއްވި އެއްބާރުލުމާއި ގުރުބާނީގެ ސަބަބުންކަން ފާހަގަކުރައްވައި، މުޅި މުއައްސަސާގެ ނަމުގައި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފުލުހުންގެ އުމްރާނީ ތަރައްގީއަށް ދެއްވާ ޚާއްސަ އިސްކަމާއި، މަރުކަޒުތައް ނެތް ރަށްރަށުގައި ފުލުހުންގެ އަމިއްލަ ބިމުގައި ޒަމާނީ ވަސީލަތްތަކާއެކު މަރުކަޒުތައް ގާއިމުކުރުމަށް ފައްޓަވާފައިވާ މަޝްރޫއު ފާހަގަކުރައްވައި ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ވެސް ކޮމިޝަނަރު ޝުކުރު އަދާކުރެއްވިއެވެ.
ހަމައެއާއެކު، ފުލުހުންގެ ތަރައްގީގެ މަޝްރޫއުތަކަށާއި ދުވަހުން ދުވަހަށް ބޭނުންވާ ކަންކަމަށް ވަރަށް ގާތުން ބައްލަވައި ދެއްވާ އެއްބާރުލުމަށްޓަކައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނަށްވެސް ޝުކުރު އަދާކުރެއްވިއެވެ.
ކޮމިޝަނަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ކުރިއަށް އޮތް އަހަރަށް ފުލުހުންގެ ލަނޑުދަނޑިތައް ކަނޑައަޅައި މަސައްކަތްތައް ބައްޓަންކުރުމުގައި، ކައުންސިލާއި ރައްޔިތުންނާ މަޝްވަރާކޮށްގެން މުޖުތަމައު ބޭނުންވާ ފަދަ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިތިބުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
