ވިއެޓްޖެޓް އެއާލައިންގެ ރާއްޖޭގެ ރަސްމީ ޖެނެރަލް ސޭލްސް އެޖެންޓް (ޖީއެސްއޭ)، އޮއެފަރު އެވިއޭޝަން ސާވިސަސްގެ ފަރާތުން ވ. ފުލިދޫގައި ބޭއްވި ޚާއްސަ މީޑިއާ ބްރީފިން ސެޝަނެއްގައި، ދަތުރުކުރާ ދިވެހި އާއިލާތަކަށް ޗުއްޓީ ހޭދަކުރުމަށް އެކަށީގެންވާ އައު މަންޒިލެއްގެ ގޮތުގައި ވިއެޓްނާމް ތަޢާރަފުކޮށްފިއެވެ.
ހުކުރު އަދި ހޮނިހިރު ދުވަހު ފުލިދޫގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމަކީ ވިއެޓްޖެޓުން ރާއްޖެއަށް ފަށަން ތައްޔާރުވަމުންދާ ދަތުރުތަކާ ގުޅޭގޮތުންނާއި، އޭގެ ސަބަބުން ދިވެހި ދަތުރުވެރިންނަށް ލިބޭނެ ފުރުސަތުތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ސެޝަނެކެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު ވިއެޓްޖެޓުން ފެށުމަށް ހަމަޖެހިފައިވާ ދަތުރުތަކަށެވެ.
އެގޮތުން، މި ދަތުރުތަކުގެ ދަށުން މާލެއާއި ކޮލަމްބޯ އަދި ހޯޗީމިން ސިޓީ ގުޅާލެވޭނެއެވެ. ހަފުތާއަކު ތިން ދުވަހު އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކުރާ މި ދަތުރުތަކުގެ ސަބަބުން ރާއްޖެއާއި، ސްރީލަންކާ އަދި ވިއެޓްނާމާ ދެމެދު ދަތުރުފަތުރުގެ އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އޮއެފަރުން މަޢުލޫމާތު ދެއެވެ.
އޮއެފަރުން ވ. ފުލިދޫގައި ބޭއްވި ނިއުސް ބްރީފިންގެ ތެރެއިން... ފޮޓޯ އޮއެފަރު
ދަތުރުތަކުގެ ތާވަލުގެ އިތުރުން، ވިއެޓްނާމަކީ އާއިލީ ޗުއްޓީއަކަށް އެކަށީގެންވާ، ޚަރަދު ކުޑަ އަދި ތަފާތު ތަޖުރިބާތަކެއް ކުރެވޭނެ މަންޒިލެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރިއެވެ.
ރާއްޖެއިން ބޭރުގައި ކުރާ ޗުއްޓީއެއްގެ ޙަގީގީ ޚަރަދު ބިނާވަނީ ހަމައެކަނި ޓިކެޓުގެ އަގަށް ނޫންކަން ފާހަގަކޮށް އޮއެފަރުން ބުނީ، ހުރުމާއި، ކެއިންބުއިމާއި، އެތެރޭގެ ދަތުރުފަތުރާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ވިޔަފާރިކުރުމަށް ހިނގާ ޚަރަދުތަކަކީ ޖުމްލަ ބަޖެޓު ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާ ކަންކަން ކަމަށެވެ.
މި ސެޝަނުގައި އޮއެފަރުން ވަނީ ދަތުރު ރޭވުމަށް އެހީތެރިވެދޭނެ ނަމޫނާ ބަޖެޓެއް ވެސް ހިއްސާކޮށްފައެވެ. އެގޮތުން ހަތަރު މީހުންގެ ދިވެހި އާއިލާއަކަށް ވިއެޓްނާމުގައި ހަތް ރޭގެ ޗުއްޓީއެއް ހޭދަކުރުމަށް، ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ޚަރަދު ނުލައި، ގާތްގަނޑަކަށް 2،000 އާއި 3،000 އެމެރިކާ ޑޮލަރާ ދެމެދުގެ ބަޖެޓެއް އެކަށީގެންވާ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މީގެ ތެރޭގައި ހުރުމާއި، ކެއިންބުއިމާއި، އެތެރޭގެ ދަތުރުފަތުރާއި، ސައިޓްސީއިން އަދި ކުއްލި ޙާލަތްތަކުގެ ޚަރަދުތައް ހިމެނެއެވެ. މިއީ ފިކްސްޑް ޕެކޭޖު އަގުތަކެއް ނޫން ކަމަށާއި، ޙަގީގީ ޚަރަދު ބިނާވާނީ ދަތުރުކުރާ ތާރީޚާއި، މަންޒިލާއި، ހުންނަ ތަނުގެ ފެންވަރަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އޮއެފަރުން ވ. ފުލިދޫގައި ބޭއްވި ނިއުސް ބްރީފިންގެ ތެރެއިން... ފޮޓޯ އޮއެފަރު
މީގެ އިތުރުން، ހޯޗީމިން ސިޓީގެ ސިޓީ ލައިފާއި، ދަނަންގްގެ ގޮނޑުދޮށްތަކާއި، ހޮއިއާންގެ ތާރީޚީ މަގުތަކާއި، ބާނާ ހިލްސްގައިވާ ގޯލްޑަން ބްރިޖް އަދި އުތުރު ވިއެޓްނާމުގެ ގުދުރަތީ މަންޒަރުތައް ހިމެނޭހެން އެ ގައުމުގެ ފަތުރުވެރިކަމުގެ ތަފާތު ފުރުސަތުތައް މީޑިއާތަކަށް ވަނީ ހިއްސާކޮށްފައެވެ.
މީގެއިތުރުން ބޭރު ފައިސާގެ އިންތިޒާމުތަކާއި ބައިނަލްއަގްވާމީ ޕޭމަންޓްތައް ހަމަޖެއްސުމުގައި ދިވެހި އާއިލާތަކަށް ލުއިފަސޭހަވާނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އަންނަ ޑިސެމްބަރު މަހު ވިއެޓްޖެޓްގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާއިރު، އޮއެފަރު އެވިއޭޝަން ސާވިސަސްގެ ފަރާތުން ފްލައިޓް ބުކިން ހެދުމާއި، ދަތުރާ ގުޅޭ މަޢުލޫމާތު ސާފުކުރުމުގެ އެހީތެރިކަން މެދުނުކެނޑި ފޯރުކޮށްދެމުންދާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
