ފީފާގެ ރައީސްކަމުގެ މަގާމުގައި މިހާރު ހުންނެވި ޖިއާނީ އިންފަންޓީނޯއާ ދެކޮޅަށް ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރެއްވުމަށް، އާސެނަލްގެ ކުރީގެ މަޝްހޫރު ކޯޗު އަދި މިހާރު ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯޅަ ޑިވެލޮޕްމަންޓްގެ މަގާމުގައި ހުންނެވި އާސެން ވެންގާ ނެރުމަށް ޔޫރަޕްގެ ފުޓްބޯޅައިގެ އިސްވެރިން ބާރުއަޅަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ނިންމުމަކީ ފީފާގެ މިހާރުގެ ލީޑަޝިޕާ މެދު އުފެދިފައިވާ ހިތްހަމަނުޖެހުންތަކާ ގުޅިގެން ފެންމަތިވެފައިވާ ކަމެކެވެ.
ޚާއްސަކޮށް، ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތަކުގެ ވިޔަފާރީގެ ހިއްސާތައް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް އިންފަންޓީނޯ ރޭއްވެވި "ފީފާ ފޯވާޑް އެންޓަޕްރައިޒް" (އެފްއެފްއީ) މަޝްރޫޢަ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ނަމަވެސް، މި ޚަބަރުތަކާ ގުޅޭގޮތުން މީޑިއާއިން ސުވާލުކުރުމުން ވެންގަރ އާއި ފީފާއިން ވެސް ވަނީ އެއްވެސް އެއްޗެއް ބުނަން އިންކާރުކޮށްފައެވެ.
އުމުރުން 76 އަހަރުގެ ވެންގާއަކީ ފުޓްބޯޅަ ދުނިޔޭގައި ބޮޑު އިޙްތިރާމެއް ހޯދާފައިވާ، އަދި ފީފާގެ މިހާރުގެ މަގާމުގެ ސަބަބުން އޭޝިއާ އާއި އެފްރިކާ ބައްރުގައި ވެސް ވަރުގަދަ ގުޅުންތަކެއް އުފައްދާފައިވާ ބޭފުޅެކެވެ.
އިންފަންޓީނޯގެ ވިޔަފާރި މަޝްރޫއާ ވެންގާ ދެކޮޅެވެ. އެކަމަކީ މީޑިއާއިން އެނގިވަޑައިގެންނެވި ކަމެއް ކަމަށް ވިދާޅުވެ، ފީފާގެ ނިންމުންތަކުގައި ދެފުށް ފެންނަ ގޮތް ހެދުމަށް އޭނާ ވަނީ ވަކާލާތުކުރައްވާފައެވެ. އެހެންކަމުން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ވެންގާއަކީ ފީފާގެ މަސްލަހަތު ހިފެހެއްޓުމަށް ނެރެވޭނެ އެންމެ އެކަށީގެންވާ އަދި އިތުބާރު ހުރި ކެންޑިޑޭޓެވެ.
ފީފާގެ ރައީސް އިންފަންޓީނޯ އާއި ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯޅަ ޑިވެލޮޕްމަންޓްގެ މަގާމުގައި ހުންނެވި އާސެން ވެންގާ--
ނަމަވެސް މި އިންތިޚާބުގައި އިންފަންޓީނޯއާ ވާދަކުރުމަކީ ވެންގާއަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ. ސަބަބަކީ ފުޓްބޯޅަ ކުރިއެރުވުމަށް 3.4 ބިލިއަން ޑޮލަރުގެ ފަންޑެއް ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވެ އިންފަންޓީނޯ ވަނީ އެފްރިކާ، ސައުތު އެމެރިކާ، އަދި އޯޝޭނިއާ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ތާއީދު ހޯއްދަވާފައެވެ.
މި މަގާމަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން މަދުވެގެން ފަސް ގައުމެއްގެ އެސޯސިއޭޝަނުގެ ތާއީދު ހޯދަންޖެހޭއިރު، ނޮމިނޭޝަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 18 ނޮވެމްބަރު 2026 އެވެ. އަދި ފީފާގެ ރައީސް ހޮވުމަށް ބާއްވާ ރަސްމީ އިންތިޚާބު އޮންނާނީ 18 މާރޗް 2027 ގައި މޮރޮކޯގެ ރަބާތުގައި ބާއްވާ ފީފާ ކޮންގްރެސްގައެވެ.
މިހާތަނަށް މި މަގާމަށް ވާދަކުރާނެކަން ރަސްމީކޮށް އިޢުލާންކޮށްފައިވަނީ ޓޮޓެންހަމްގެ ކުރީގެ ކުޅުންތެރިޔާ ރާމޮން ވޭގާ އެކަންޏެވެ.
