އައްޑޫ ސިޓީ ފޭދޫގެ ދެ ގެއެއްގައި ބަނގުރާ އުފައްދަން ބޭނުންކުރާ ސާމާނުތަކެއް ބެހެއްޓި މައްސަލައެއް ސާބިތުވެ، ގދ. ފަރެސްމާތޮޑާ މީހަކު ހަތަރު މަހާއި 18 ދުވަހަށް ޖަލަށްލުމަށް ފޭދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ގދ. ފަރެސްމާތޮޑާ، ރޯޒްމީޑް، މުޙައްމަދު ޝާހިދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ ކުށެއް ކުރުމުގެ އާލާތެއް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފޭދޫ ޕިންކްހައުސް ބަލައިފާސްކުރިއިރު، ތަޅުލާފައި ހުރި ކޮޓަރިއެއްގެ ތެރެއިން ބަނގުރާ ކައްކަން ތައްޔާރުކޮށްފައިވާ ސިސްޓަމަކާއި، ހައިޕްރެޝަރު އުނދުނަކާއި، އީސްޓް ހޭކިފައިވާ ހުސް ކޮތަޅަކާއި ހަނޑޫ އަދި 20 ލީޓަރުގެ ހަންތަކެއް ވަނީ ފެނިފައެވެ. އަދި އޭނާ ދިރިއުޅޭ ސީމާވިލާ ގޭގެ ފާޚާނާއެއްގެ ތެރެއިން އުއްދަނޑިއާއި އީސްޓް އަޅައި ފާކުރަން ބަހައްޓާފައި ހުރި ނޫކުލައިގެ ހަމެއްވެސް ވަނީ ފެނިފައެވެ.
އެ ތަކެތި ފެނުނު ތަންތަނަކީ ބިދޭސީން ވަދެނިކުމެ އުޅޭ ތަންތަން ކަމަށާއި އެއީ އޭނާއާ ގުޅުމެއް ނެތް ތަކެތި ކަމަށް ބުނެ ޝާހިދު ދައުވާއަށް އިންކާރުކުރި ނަމަވެސް، ޕިންކްހައުސް ގޭގެ ކޮޓަރި ހުޅުވާފައިވަނީ އޭނާގެ ޖީބުގައި އޮތް ތަޅުދަނޑިން ކަމަށްވާތީއާއި، އެކަމާ މެދު ޝައްކު އުފެދޭ މިންވަރުގެ ދިފާއީ ހެއްކެއް އޭނާއަށް ދެއްކިފައި ނުވާތީ ކުށް ސާބިތުވާ ކަމަށް ކޯޓުން ނިންމިއެވެ.
ޖުނަޙުގެ އެއްވަނަ ދަރަޖައިގެ މި ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބެއް ނަމަވެސް، މައްސަލައިގެ ތަހުގީގަށް އޭނާ ބަންދުގައި ހޭދަކުރި ހަ ދުވަސް އުނިކުރުމަށްފަހު، ފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް މުޙައްމަދު ޢަފީފް ހުކުމް ކުރެއްވީ 4 މަހާއި 18 ދުވަހަށް ޝާހިދު ޖަލަށްލުމަށެވެ. މި ހުކުމް ކުރީ، އާދިއްތަ ދުވަހުއެވެ.
