ދަރިވަރުން އުނގެނުމުގެ ތަފާތު ބޭނުންތަކަށާއި، ބޮޑެތި މީހުން ވަޒީފާގެ މާހައުލުގެ އިތުރުން ފޫހިފިލުވާލުމަށް ވެސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުން ފަހުގެ އަހަރުތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެއާއެކު، އޭއައިގެ ސަބަބުން މީހުން ވިސްނާ ގޮތަށާއި ހަނދާން ކުރުމަށް އަންނާނެ ބަދަލުތަކާ މެދު ސުވާލު އުފެދި، ދިރާސާތައް ވެސް ކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
އިންޑިއާގެ ޗެންނާއީގެ ގްލެނީގަލްސް ހޮސްޕިޓަލްގެ ސީނިއާ ކޮންސަލްޓަންޓް ނިއުރޯސާޖަން އަދި ޑިޕާޓްމަންޓުގެ ވެރިޔާ ޑރ. ނައިޖަލް ޕީޓާ ސިމްސް ވިދާޅުވި ގޮތުގައި، އޭއައިއަށް މާ ބޮޑަށް ބަރޯސާވުމުގެ ސަބަބުން އަމިއްލައަށް މައުލޫމާތު ހަނދާންކުރުމާއި ކަންކަން ދިރާސާކުރުމަށް ލިބޭ ފުރުސަތުތައް ހަނިވެއެވެ. އެގޮތުން، ބޮޑެތި މީހުންނެކޭ އެއްފަދައިން ކުޑަކުދިން ވެސް އަމިއްލައަށް ވިސްނައިގެން ކަންކަން ކުރުމުގެ ބަދަލުގައި އޭއައި ބޭނުންކޮށްގެން ފިލާވަޅުތަކާއި މަސައްކަތްތައް ނިންމާނަމަ، ވިސްނުމާއި ސަމާލުކަން ދިނުމާއި މައްސަލަތައް ހައްލުކުރުމަށް ލިބޭ ފުރުސަތުތައް ގެއްލެއެވެ.
ދިގު ލިޔުންތައް ޚުލާސާކުރުމާއި، މަޒުމޫނު ލިޔުމާއި، އުނދަގޫ މައުލޫތަކާއި މައްސަލަތަކަށް ހައްލު ހޯދުމަށް އޭއައި ވަސީލަތްތަކުން ބޮޑު ލުޔެއް ލިބުނު ނަމަވެސް، އަމިއްލައަށް ލިޔުން ކިޔުމުގެ ކުރިން ޗެޓްބޮޓެއް މެދުވެރިކޮށް އެ ލިޔުން ޚުލާސާކުރުމާއި، ސުވާލަކަށް އަމިއްލައަށް ވިސްނުމުގެ ކުރިން ޖަވާބު ހޯދުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.
ޑރ. ސިމްސް ވިދާޅުވި ގޮތުގައި، އޭއައި ބޭނުންކުރުމުން ސީދާ ހަނދާން ބަލިވާ ކަމަށް ބުނެވޭކަން ނެތެވެ. ނަމަވެސް، ސަމާލުކަން ދީގެން އަމިއްލައަށް ހަނދާންކުރުމާއި، އަމިއްލައަށް ވިސްނަންޖެހޭ ކަންކަން އަބަދު ޓެކްނޮލޮޖީއާ ހަވާލުކުރުމުން ސިކުނޑީގެ މަސައްކަތްތަކަށް އޭގެ އަސަރުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅޭގޮތުން ހާވަޑް ޔުނިވާސިޓީގެ 'ހާވަޑް ގެޒެޓް' ގައި އެ ޔުނިވާސިޓީގެ ލެކްޗަރާ ޑޭން ލެވީ ވިދާޅުވެފައިވާ ގޮތުގައި، ދަރިވަރުން އޭއައިގެ އެހީގައި އަމިއްލައަށް މަސައްކަތްކުރުމުގެ ބަދަލުގައި، މުޅި މަސައްކަތް ކުރުމަށް އޭއައި ބޭނުންކުރާނަމަ އެކަށީގެންވާ ގޮތެއްގައި އެއްޗެއް ދަހެއް ނުވާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި، ދަސްކުރަން އުޅޭ އެއްޗެއްގެ މާނަ ދެނެގަތުމަށް ސިކުނޑި އަމަލީ ގޮތުން ބައިވެރި ނުވާހާ ހިނދަކު އުނގެނުމުގެ މަރުހަލާ ފުރިހަމައެއް ނުވާނެއެވެ.
އެހެންކަމުން، ހަމައެކަނި ޗެޓްޖީޕީޓީ ކައިރިން ސުވާލެއްގެ ޖަވާބު ހޯދައިގެން އުނގެނުން ހާސިލު ނުވާނެ ކަމަށާއި، ކިޔެވުމުގައި އެންމެ މުހިންމީ ހަމައެކަނި ވަކި ނަތީޖާއަކަށް މަސައްކަތް ކުރުމުގެ ބަދަލުގައި އެ މަރުހަލާގެ ތެރެއިން ކަންކަން ދަސްކުރުން ކަމަށް ހާވަޑް ގެޒެޓްގައި ރިޕޯޓުކޮށްފައިވެއެވެ.
ސިކުނޑީގެ ގުޅުންތައް ވަރުގަދަވާ ގޮތާއި ހަނދާންތައް ހަރުލުން
އާ ތަޖުރިބާތަކާއި މައުލޫމާތަށް ބިނާކޮށް ސިކުނޑީގެ ނާރުތަކުގެ ގުޅުންތައް ވަރުގަދަކުރުމުގެ ގާބިލުކަން ނުވަތަ ނިއުރޯޕްލާސްޓިސިޓީއަށް އިޝާރާތްކުރައްވައި ޑރ. ސިމްސް ވިދާޅުވީ، އިންސާނާގެ ސިކުނޑި ތަރައްގީވަނީ އުނގެނުމާއި ތަޖުރިބާގެ ތެރެއިން ކަމަށެވެ. އާ ކަންކަން ދަސްކުރުމުގައި ސިކުނޑީގެ ހިޕޮކެމްޕަސް މުހިންމު ދައުރެއް އަދާކުރާއިރު، ދަސްވެފައިވާ އެއްޗެއް ފޮތަށް ނުބަލައި އަމިއްލައަށް ހަނދާނަށް ގެނައުމަކީ (އެކްޓިވް ރީކޯލް) ސިކުނޑީގެ ގުޅުންތައް ވަރުގަދަކޮށްދޭ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެމްއައިޓީ މީޑިއާ ލެބްގެ ދިރާސާވެރިން އީއީޖީ ބޭނުންކޮށްގެން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، އޭއައިގެ އެހީއާ ނުލައި މަޒުމޫނު ލިޔުނު މީހުންނާ އަޅައި ބަލާއިރު، ޗެޓްޖީޕީޓީ ބޭނުންކޮށްގެން ލިޔުނު މީހުންގެ ސިކުނޑީގެ ގުޅުންތައް ނުވަތަ ކަނެކްޓިވިޓީ ވަނީ ދަށްވެފައެވެ.
ޑރ. ސިމްސް ސިފަކުރެއްވި ގޮތުގައި، ހަނދާން ބެހެއްޓުމަކީ ހަމައެކަނި މައުލޫމާތު ރައްކާކޮށްލުން ނޫނެވެ. އެއީ، ސިކުނޑިން އެ މައުލޫމާތު ދެނެގަނެ، ހަރުދަނާކޮށް، ބޭނުންޖެހޭ ވަގުތު އަލުން ހަނދާނަށް ގެނައުން ކަމަށް އޭނާ ވިދާޅުވިއެވެ. މިކަން ކާމިޔާބުވަނީ ސަމާލުކަން ދިނުމާއި، ތަކުރާރުކުރުމާއި، ކުރިން އެނގިފައިވާ މައުލޫމާތުގެ އިތުރުން އަމިއްލައަށް އެކަމުގައި ބައިވެރިވާ މިންވަރެއްގެ މައްޗަށްކަން އޭނާ ކިޔައިދެއްވިއެވެ.
މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ، ފޮތެއްގެ ބާބެއްގެ ޚުލާސާ ކިޔާލުމާއި، ފޮތަށް ނުބަލައި އެ ބާބުގައި ހުރި މުހިންމު ނުކުތާތައް އަމިއްލައަށް ކިޔައިދިނުމާ ދެމެދު ހުރި ތަފާތެވެ. ޚުލާސާ ކިޔާލާއިރު މައުލޫމާތު ވަގުތުން ފެންނަން ހުންނައިރު، ފޮތަށް ނުބަލައި ކިޔައިދޭން އުޅުމުން ދަސްވި އެއްޗެއް އަމިއްލައަށް ހަނދާނަށް ގެނެސް ތަރުތީބުކުރުމަށް ސިކުނޑިއަށް މަސައްކަތްކުރަން ޖެހެއެވެ.
އުނގެނުމުގައި ފައިދާހުރި ގޮތެއްގައި އޭއައި ބޭނުންކުރުން
ޑރ. ސިމްސް ވަނީ، އޭއައި ބޭނުންކުރުމުގެ ސަބަބުން ސިކުނޑިއަށް ދާއިމީ ގެއްލުމެއް ލިބޭކަން ނުވަތަ ހަނދާން ނެތޭކަން ސާބިތުކުރެވޭ ވަރުގެ ހެއްކެއް މިހާތަނަށް ފެންނަން ނެތްކަން ފާހަގަކުރައްވައިފައެވެ. ނަމަވެސް، އުނގެނުމަށް އެހީތެރިވުމަށް އޭއައި ބޭނުންކުރުމާއި، އުނގެނުމުގެ މަރުހަލާގެ ބަދަލުގައި އޭއައި ބޭނުންކުރުމުގައި ތަފާތުތައް ހުރިކަން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، ސުވާލުކުރުމާއި، ލިބޭ ޖަވާބުތަކާ މެދު ފުންކޮށް ވިސްނުމާއި، އަމިއްލައަށް މައްސަލަތައް ހައްލުކުރަން މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށާއި، އޭއައި ބޭނުންކުރަންވާނީ އަމިއްލަ ވިސްނުމުގެ ގާބިލުކަން ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ބަދަލުގައި ނޫން ކަމަށް ޑރ. ސިމްސް ވިދާޅުވިއެވެ.
އޭނާ ލަފާދެއްވީ، އުނދަގޫ މައުލޫމާތެއް ސާފުކޮށްލުމަށް އޭއައި ބޭނުންކުރުމަށްފަހު އަމިއްލައަށް އެކަން ދަސްވި މިންވަރު ވަޒަންކުރުމަށެވެ. ނަމަވެސް، އޭއައި ދޭ ޖަވާބެއްގެ ސައްހަކަން ނުބަލައި އަދި އޭގެ ފަހަތުގައިވާ ސަބަބުތައް ދެނެގަތުމަށް މަސައްކަތް ނުކޮށް ކޮންމެ މައުލޫމާތެއް ނަގައިގަންނަ ނަމަ، އަމިއްލައަށް އުނގެނުމަށް ލިބޭ ފުރުސަތު ގެއްލޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަން (އޭޕީއޭ) ގެ 'މޮނިޓާ އޮން ސައިކޮލޮޖީ' ގައި ޕާޑިއު ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު ބްރޫކް މެކްނަމާރާ ވިދާޅުވެފައިވާ ގޮތުގައި، އޭއައިގެ އެހީގައި ގިނަ މަސައްކަތްތަކެއް ފަސޭހައިން ކުރެވުނު ނަމަވެސް، އަމިއްލަ ހުނަރުތައް ބޭނުން ނުކޮށް އަބަދު އޭއައިއަށް ބަރޯސާވާނަމަ، އެ ހުނަރުތަކަށް ކުރާނެ އަސަރާ މެދު ސުވާލު އުފެދެއެވެ. މެކްނަމާރާ ވިދާޅުވީ، އަމިއްލައަށް ވިސްނަންޖެހޭ ކަންކަން އޭއައިއާއި ޑިޖިޓަލް ވަސީލަތްތަކާ ހަވާލުކުރުމުގެ ސަބަބުން ބައެއް ހުނަރުތައް ބަލިކަށިވެދާނެ ކަމަށް މިހާތަނަށް ހަދަމުންދާ ދިރާސާތަކުން ދައްކާ ކަމަށެވެ. ނަމަވެސް، ހަރުދަނާ އުސޫލެއްގެ ތެރެއިން އޭއައި ބޭނުންކުރުމަކީ އިންސާނުންގެ އަމިއްލަ ގާބިލުކަން ދެމެހެއްޓުމާއެކު، އޭއައިގެ އެހީގައި ނެރޭ ނަތީޖާ ވެސް ރަނގަޅުކުރެވޭނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
