ބޮޑުތަކުރުފާނު މަގު މަރާމާތު ކުރުމުގެ މަސައްކަތަށް ސުނާމީ ބިނާއިން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށް އޮތް ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދުކޮށް، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އެންމެހައި އުޅަނދުތައް ނެގުމަށް އަންގައިފިއެވެ.
ފުލުހުން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ މި މަސައްކަތް ކުރުމަށްޓަކައި އެ ސަރަހައްދުގެ ޓްރެފިކަށް ބަދަލު ގެނެސް މަގު ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިރޭ 00:00 އިން ފެށިގެންކަމަށެވެ.
https://x.com/PoliceMv/status/2112110735157600521
އެހެންކަމުން މަގު ބަންދުކުރުމަށް ކަނޑައެޅިފައިވާ ވަގުތުގެ ކުރިން، ސުނާމީ ބިނާ އިން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށް ޕާކުކޮށްފައިވާ އުޅަނދުތައް އެ ސަރަހައްދުން ނަގައި ހުސްކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި ބަދަލުގެ ސަބަބުން ދަތުރުފަތުރުކުރާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށާއި، މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް މަރާމާތުކުރުމުގެ ބޮޑު މަޝްރޫއެއް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން ދަނީ ހިންގަމުންނެވެ. މި މަޝްރޫއަކީ މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރުއަޅައިގެން ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ފަސޭހަވާނެހެން ފަރުމާކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
